28 Jun 2016, 10:51
ހައްޖަށް މީހުންގެންދިއުމަށް ހުއްދަ ދީފައިވާ ބައެއް ހައްޖު ޖަމާއަތްތަކުން އެދަނީ އެތައް ގޮތަކުން ނާޖާއި ފައިދާ ނަގަމުންނެވެ. މިހާހިސާބަށް ކަންދިޔަ އިރު ފެންނަނީ އިސްލާމިކް މިނިސްޓްރީން ހިމޭނުން އޮންނާތީ އެވެ.
އިސްލާމިކް މިނިސްޓްރީގެ ސިޔާސީ މަގާމްތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން އިސް ފަރާތަކުން ވިދާޅުވި ގޮތުގައި މިނިސްޓްރީއަށް އެފަދަ ޝަކުވާތައް ލިބެމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް ފިޔަވަޅެއް އެޅިފައިނެތް ކަމަށެވެ.
މިކަންއިންތިހާއަށް ބޮޑުވެފައިވާ އިރު އިސްލާމިކް މިނިސްޓްރީގެ ބަހެއް ހޯދުމަށް އެތައް ގޮތަކުން ކުރި މަސައްކަތް ވަނީ ކާމިޔާބުނުވެފަ އެވެ. ދީނާ ގުޅުންހުރި މިހާ މުހިންމު ކަމެއްގައި އެފަދަ ޖަރީމާއެއް ބަޔަކު ހިންގާއިރު މިނިސްޓްރީ ފެންނަނީ ހިމޭނުން އޮންނަތަނެވެ.

ސެޕްޓެމްބަރު 23، 2015: 1436 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރި ހައްޖު ވެރިން އަރަފާތުގައި -- ފޮޓޯ/ އޭޕީ
ފިޔަވަޅު ނޭޅޭ ސަބަބު ހޯދުމަށް އެތައްގޮތަކުން މަސައްކަތް ކުރެވިއްޖެ އެވެ. މީޑިއާ އޮފިޝަލަށް ވެސް އެތައް ފަހަރަކު ގުޅިއްޖެ އެވެ. މިނިސްޓަރަށް ވެސް ގުޅައި މެސެޖު ކުރެވިއްޖެ އެވެ. މިހާތަނަށް ޖަވާބެއް ލިބޭގޮތެއް ނުވެ އެވެ.
ހައްޖަށް ގެންދިއުމަށް ރާއްޖެއަށް ލިބިފައިވާ 2000 މީހުންގެ ކޯޓާގެ ތެރެއިން އަމިއްލަ ޖަމާއަތްތަކަށް ދޫކުރާ 1000 ކޯޓާގެ ތެރެއިން އަށް ކުންފުންޏަކަށް 80 ކޯޓާގެ ރޭޓުން ކޯޓާ ދޫކޮށްފައިވާ އިރު އިސްލާމިކް މިނިސްޓްރީ ހުއްދަ ދީފައި ވަނީ ވަކި މިންވަރެއް ނެގުމަށެވެ. އެއީ 57999 ރުފިޔާ އާއި 112129 ރުފިޔާ ދެމެދުގެ އަގުތަކެއްގަ އެވެ. އާންމު ރޭޓް އުޅެނީ 65000 ރުފިޔާ އަށެވެ. އިތުރަށް އަގުނެގުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް އިންތިހާއަށް ބޮޑުއަގު އިތުރަށް ދަނީ ނަގަމުންނެވެ.
ސަން އަށް މައުލޫމާތު ދިން ފަރާތްތަކުން ބުނި ގޮތުގައި ޖަމާއަތްތަކަށް ހައްޖަށް މީހުން ގެންދިއުމަށް ޖާގަ ހޯދުމަށް ގުޅުމުންދޭ ޖަވާބަކީ އިތުރަށް އެތައް ހާސް ރުފިޔާއެއް ދެއްކުމުން ޖާގަ ލިބޭނެ ކަމަށެވެ. އެގޮތުން ހަމައަގު ފިޔަވައި އިތުރަށް 25000 ރުފިޔާ ނަގަމުންދެ އެވެ. އޭގެ ބައެއް ރަސީދުތައް ވެސް ލިބިފައިއެބަހުއްޓެވެ.
އިސްލާމިކް މިނިސްޓްރީން އެމައްސަލާގައި ހިމޭނުން އޮންނަ އިރު ކުރެވޭ އެހެން ތުހުމަތުތަކެއް ވެސް ހުރެ އެވެ. އެއީ ހައްޖު ޖަމާއަތްތަކުގެ ފަހަތުގައި އެމިނިސްޓްރީގެ އިސް މަގާމުގައި ތިއްބެވި ފަރާތްތަކުންތިބި ވާހަކައެވެ. މިއީ ތުހުމަތެކެވެ. އެކަމަށް ވެސް މިނިސްޓްރީގެ ބަހެއް ނުލިބެ އެވެ.
ކޮންމެއަކަސް އުސޫލުތަކާ ހިލާފަށް ޖަމާއަތްތަކުން ދަނީ އެތައް ގޮތަކުން އަމަލު ކުރަމުންނެވެ. ހައްޖަށް މީހުން ގެންދިއުމުގެ ގަވައިދު ބުނާ ގޮތުން މެޑިކަލް ޓެސްޓްތަކުން ފާސްވެފައިވާ ނަމަ އެމީހަކު ހައްޖަށް ގެންދަން ޖެހޭނެ އެވެ. ނޫނީ އެހީތެރިޔަކާ އެކު ގެންދަން ޖެހެ އެވެ. ނަމަވެސް ބައެއް ޖަމާއަތްތަކުން ދަނީ އެ އުސޫލާ ވެސް ހިލާފަށް މަސައްކަތް ކުރަމުންނެވެ. ސިއްހީ މައްސަލައެއް ނެތި ހިނގުމުގައި ނުވަތަ އެހެންކަމެއްގައި ވެސް ކުޑަ ނަމަވެސް ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތަކުން ދަނީ ބާކީ ކުރަމުންނެވެ.