އަހަރެން އުޅެ ބޮޑުވީ ހަރުކަށި ނަސާރާ އާއިލާއެއްގެ ތެރެއިންނެވެ. އަހަރެންގެ އަމަލުތައް އަހަރެންގެ ކޮންޓްރޯލުގެ ދަށުގައި ހުރި ނަމަވެސް އަހަރެންގެ ނަފްސާނީ އަދި ރޫހާނީ ކޮންޓްރޯލު ގެންގުޅުނީ އަހަރެންގެ އާއިލާއިންނެވެ. އެމީހުން ބޭނުންވި ގޮތަކަށެވެ. އެގޮތުގެ މަތީގައި އަހަރެން އުމުރުން 20 އަހަރު ވަންދެން ދިރިއުޅުނީމެވެ.

އަހަރެންގެ ނަމަކީ އެލެކްސެންޑާ ރަސަލް ވެބް އެވެ. އުމުރުން 20 އަހަރު ވަންދެން އާއިލާއާ އެކު ދީނީ ކަންކަމުގައި އުޅެ އުޅެ، އިސާހިތަކު ފޫހިވެއްޖެ އެވެ. ނަސާރާ ދީން މަތިންނެވެ. ހިތުގައި ގިނަ ސުވާލުތަކެއް އުފެދުނެވެ. އަހަރެންގެ އުމުރުން 20 އަހަރު ފުރުމާ އެކު އަހަރެންގެ މުޅި ނަފްސުގެ ކޮންޓްރޯލު އަހަރެން ހޯދީމެވެ.

ފައްޅިއަށް ދިއުމަކީ ފޫހިކަން ބޮޑު ކަމަކަށްވެ، އެތަނަށް ދިއުން ހުއްޓާލީމެވެ. އެދުވަހުގެ ފަހުން އަހަރެން ދުވަހަކު ވެސް ފައްޅިއަކަށް ނުދަމެވެ.

ދެން އަހަރެން ފެށީ އަހަރެންގެ ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކުގެ ޖަވާބު ހޯދުމުގެ މަސައްކަތެވެ. ނަސާރާ ފާދިރީންނާ ވާހަކަ ދެއްކީމެވެ. އެއްވެސް ޖަވާބެއް ނުލިބުނެވެ. ދިންހާ ޖަވާބަކީ ވެސް މީހަކަށް ފަހުމު ނުވާ ޖަވާބުތަކެކެވެ. އޭގެ ތަފްސީލަށް އެހުމުން އެކަން ވެސް އެއިން މީހަކަށް ފޯރުކޮށް ނުދެވުނެވެ.

އެތައް ބައިވަރު ފޮތެއް އަހަރެން ކިއީމެވެ. ފުރާނައާއި، މަރުވުމަށް ފަހު މީހާއަށް ވާނެ ގޮތާއި ހުރިހާ ކަމެއް އަހަރެން އޮޅުން ފިލުވަން ބޭނުންވި ނަމަވެސް އެކަމެއް އިލްމީ އެއްވެސް ގޮތަކުން އަހަރެންނަށް ފަހުމެއް ނުވި އެވެ.

ދެން ބައްދަލުވީ އިސްލާމް ދީނާ އެވެ. އަހަރެން އިސްލާމްވީ މަގު އޮޅިގެން ދަނިކޮށޭ ނުބުނެވޭނެ އެވެ. އަހަރެން މި ދީން ޚިޔާރު ކުރީ އަހަރެންނަށް، އަހަރެން ހޯދަމުން ދިޔަ ހައްގު މަގު ދައްކައިދިނުމުންނެވެ. އަހަރެންގެ ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބުތައް އެ ދީނުން ފޯރުކޮށްދިނެވެ.

އަހަރެންނަށް މިހާރު އެނގޭ އެއްޗަކީ ހިތްހަމަޖެހުމަކީ އިސްލާމް ދީނުގެ މައި ތަނބު ކަމުގައިވާ ނަމާދު ކަމެވެ. އެއީ އާލަމީ އަޚުވަންތަކަމާއި ލޯތްބާއި ސުލްހަވެރިކަން ދައްކުވައިދޭ އަޅުކަމެކެވެ. ރީތިކޮށް ވާހަކަދައްކައި، ހަށިގަނޑު ސާފުތާހިރު ކޮށްދިނުމަށް އޮތް މަގެކެވެ. މިއީ އެންމެ ފަސޭހަ، އަދި އެންމެ މާނަ ފުން ދީނެވެ. ހަމައެކަނި ދީނެއް ނޫނެވެ. މިއީ ދިރިއުޅުމުގެ ވައްޓަފާޅިއެއް ވެސްމެ އެވެ.