28 Jun 2016, 03:22
އިނގިރޭސި ގައުމީ ޓީމުގެ ކޯޗުކަމުން ރޯއީ ހޮޖްސަން އިސްތިއުފާ ދީފި އެވެ.
އިނގިރޭސި ޓީމުގެ ކޯޗުކަމުން ހޮޖްސަން އިސްތިއުފާ ދީފައިވަނީ ޔޫރޯގެ ދެވަނަ ބުރުގައި އައިސްލެންޑް އަތުން ހައިރާންކުރަނިވި ގޮތަކަށް ބަލިވެ، އިނގިރޭސިން މުބާރާތާ އަލްވަދާއު ކިޔަން ޖެހުމުންނެވެ.
"މި ކަހަލަ ގޮތަށް ދާން ޖެހޭތީ މައާފަށް އެދެން. އެކަމަކު މިކަހަލަ ކަންތައްތައް ވެސް ކުރިމަތިވާނެ. ކުރިއަށް އޮތްތާ ބޮޑު މުބާރާތެއްގެ ފައިނަލުން އިނގިރޭސިން ފެންނާނެ ކަމަށް އުންމީދު ކުރަން. އުންމީދީ އަދި ހުނަރުވެރި ކުޅުންތެރިންނާ އެހެން މީހަކު ހަވާލުވާންވީ ވަގުތު ޖެހިއްޖެ،" އިނގިރޭސި ޓީމުގެ ކޯޗުކަމުގެ މަގާމުން އިސްތިއުފާ ދިނުމަށްފަހު ހޮޖްސަން ބުންޏެވެ.
އޭނާ ބުނީ، އިނގިރޭސި ޓީމުގެ ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތްކުރި ކަމަށާއި އެ ކުޅުންތެރިން ކައިރިން އެދުނު ގޮތަށް ކަންތައްކުރި ކަމަށެވެ.
އުމުރުން 68 އަހަރުގެ ހޮޖްސަން ގައުމީ ޓީމާ ހަވާލުވެފައިވަނީ މީގެ ހަތަރު އަހަރު ކުރިން ފަބިއޯ ކަޕެއްލޯ އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. ހޮޖްސަން މަގާމާ ހަވާލުވުމަށްފަހު، އިނގިރޭސިން ކުރިމަތިލީ ފުރަތަމަ މުބާރާތަކީ ޔޫރޯ 2012 އެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިނގިރޭސިން ބަލިވެފައިވަނީ އެ ފަހަރުގެ ރަނަރަޕް އިޓަލީ އަތުންނެވެ.
އިނގިރޭސި ޓީމާ ހަވާލުވެގެން ހޮޖްސަން ދެން ކުރިމަތިލީ 2014ގައި ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕާ އެވެ. އެ ވޯލްޑް ކަޕް ވެގެންދިޔައީ އިނގިރޭސިން އެންމެ ދަށް ނަތީޖާ ނެރުނު މުބާރާތްތަކުގެ ތެރެއިން މުބާރާތަކަށެވެ. ވޯލްޑް ކަޕް 2014ގައި އެ ޓީމު ވަނީ 1958 އަށްފަހު، ވޯލްޑް ކަޕުގެ ގްރޫޕު ސްޓޭޖުން ފުރަތަމަ ފަހަރަށް ކަޓައިފަ އެވެ.
އެއަށްފަހު ފްރާންސްގައި ކުރިއަށްދާ ޔޫރޯގެ ގްރޫޕް ސްޓޭޖުގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރަށް އިނގިރޭސިން ގެންގޮސްދިން ނަމަވެސް، ދެވަނަ ބުރުގައި ތިން ލައްކަ މީހުންގެ ކުޑަ އާބާދީއެއް އޮންނަ އައިސްލެންޑް އަތުން ވަނީ ބަލިވެފަ އެވެ. ޔޫރޯގެ ފޭވަރިޓެއްގެ ގޮތުގައި މުބާރާތާ ކުރިމަތިލި އިނގިރޭސިންގެ މައްޗަށް މުބާރާތުގައި އަލަށް ވާދަކުރަމުންދާ އައިސްލެންޑް މޮޅުވީ ފަހަތުން އަރައި 2-1 ލަނޑުންނެވެ.