ޔޫރޯގައި އަލަށް ވާދަކުރަމުންދާ އައިސްލެންޑުން އިނގިރޭސިން ލަދު ގަންނަވާލައި، ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ތިން ލައްކަ މީހުންގެ އާބާދީއެއް އޮންނަ އައިސްލެންޑުން 54 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިނގިރޭސިންގެ މައްޗަށް ޔޫރޯގެ ދެ ވަނަ ބުރުގައި މިރޭ ކުރި ހޯދާފައި ވަނީ ފަހަތުން އަރައި 2-1 ލަނޑުންނެވެ.

ޔޫރޯގެ ދެވަނަ ބުރުގައި އިނގިރޭސިންނާއި އައިސްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-1 ލަނޑުން ކާމިޔާބުކުރީ އައިސްލެންޑް --- ފޮޓޯ: އޭޕީ

މެޗުގެ ހަތަރު ވަނަ މިނެޓުގައި އިނގިރޭސިންނަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ހޯދައިދިނީ ކެޕްޓަން ވޭން ރޫނީ އެވެ. އިނގިރޭސިންނަށް އެ ޕެނަލްޓީ ލިބުނީ އައިސްލެންޑްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރަހީމް ސްޓާލިންގް އަށް ކީޕަރު ހަނެސް ތޯ ހޯލްޑަސަން ކުރި ފައުލަކާ ގުޅިގެންނެވެ.

އިނގިރޭސިން ލީޑު ހޯދިތާ ދެ މިނެޓު ފަހުން އައިސްލެންޑުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އައިސްލެންޑަށް ލިބުނު އެއްލުމަކުން ކަރީ އާނަސަން ދިން ބޯޅައަކުން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ރެގްނާ ސިގާޑްސަން އެވެ.

އައިސްލެންޑުން އިނގިރޭސިންގެ މައްޗަށް ކުރި ހޯދީ މެޗުގެ 18 ވަނަ މިނެޓުގައެވެ. ޖޯން ޑާޑީ ބޯޑްވާސަން ދިން ބޯޅައަކުން އެ ލަނޑު އައިސްލެންޑަށް ކާމިޔާބުކޮށްދިނީ ކޯލްބިއެން ސިގްތޯސަން އެވެ. އޭނާ އުފެއްދި ހަމަލާ އިނގިރޭސިންގެ ގޯލަށް ވަދެފައި ވަނީ ކީޕަރު ޖޯ ހާޓްގެ އަތުގައި ޖެހިފަ އެވެ.

ޔޫރޯގެ ދެވަނަ ބުރުގައި އިނގިރޭސިންނާއި އައިސްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-1 ލަނޑުން ކާމިޔާބުކުރީ އައިސްލެންޑް --- ފޮޓޯ: އޭޕީ

މެޗުގެ 28 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްލުމަށް އިނގިރޭސިންނަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޑެނިއެލް ސްޓަރިޖް ދިން ބޯޅައަކުން އައިސްލެންޑްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ހެރީ ކޭން އުފެއްދި ހަމަލާ، ކީޕަރު ހޯލްޑަސަން ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ނުވަ މިނެޓް ފަހުން އައިސްލެންޑަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އައިސްލެންޑަށް ލިބުނު ކޯނަރެއްގެ ތެރެއިން އިނގިރޭސިންގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ރެގްނާ ސިގާޑްސަން އުފެއްދި އޯވަހެޑް ހަމަލާ، ކީޕަރު ހާޓް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 60 ވަނަ މިނެޓުގައި އިންގްލެންޑްގެ މިޑްފީލްޑަރު ޑެލޭ އަލީ އަށް ލަނޑު ޖަހައި، ނަތީޖާ ހަމަހަމަކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔަ އެވެ. ސްޓަރިޖް ނަގައިދިން ހުރަހަކުން ޑެލޭ އަލީ އުފެއްދި ހަމަލާ ދިޔައީ އައިސްލެންޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އައިސްލެންޑަށް ލީޑު ހޯދައިދިނުމަށްފަހު ކޯލްބިއެން ސިގްތޯސަން އުފާފާޅުކުރަނީ: ޔޫރޯގެ ދެވަނަ ބުރުގައި އިނގިރޭސިންގެ މައްޗަށް އައިސްލެންޑް ކުރި ހޯދީ ފަހަތުން އަރާ 2-1 ލަނޑުން --- ފޮޓޯ: އޭޕީ

މެޗުގެ 78 ވަނަ މިނެޓުގައި އިނގިރޭސިންނަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޖެކް ވިލްޝެއާ ދިން ބޯޅައަކުން އައިސްލެންޑްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެފައި ހެރީ ކޭން އުފެއްދި ހަމަލާ އަމާޒުވީ ކީޕަރު ހޯލްޑަސަންގެ އަތަށެވެ.

މެޗުގެ 83 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްލުމަށް އައިސްލެންޑަށް ފުރުސަތެއް ލިބިގެންދިޔަ އެވެ. އައިސްލެންޑްގެ ހާފްގެ ތެރެއިން ބޯޅައެއް ހިފައިގެން އިނގިރޭސިންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ކެޕްޓަން އާރޮން ގުނާސަން އުފެއްދި ހަމަލާ، ކީޕަރު ހާޓް ވަނީ މަތަކޮށްފަ އެވެ.

އެ ނަތީޖާއާއެކު މުޅި ދުނިޔެ ސިއްސުވާލި އައިސްލެންޑުން ކުއާޓާގައި މި ފެށޭ މަހުގެ ތިން ވަނަ ދުވަހު ނުކުންނަން ޖެހޭނީ މުބާރާތް ބާއްވާ ގައުމު ފްރާންސްއާ ދެކޮޅަށެވެ.