19 May 2011, 16:23
އެއާޕޯޓް ޑިވެެލޮޕްމަންޓް ޗާޖާއި އިންޝުއަރެންސް ޗާޖުގެ ގޮތުގައި ޖީއެމްއާރުން ނަގާ ފައިސާގެ މައްސަލައިގައި ފިނޭންސް މިނިސްޓްރީގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނެފި އެވެ.
ޖީއެމްއާރުން ނަގާ ޓެކްސްގެ މައްސަލައިގައި ގައުމީ ޕާޓީގެ ނައިބު ރައީސް އިމާދް ސޯލިހު ފިނޭންސާ ދެކޮޅަށް ދައުވާ ކުރާ މައްސަލައިގައި ބަންޑާރަ ނައިބު އޮފީހުގެ ވަކީލު ވިދާޅުވީ އިމާދުގެ ދައުވާއަށް އިންކާރު ކުރާ ކަމަށެވެ. އަދި ވިދާޅުވީ ޖީއެމްއާރުން ފައިސާ ނަގަނީ ގާނޫނާ ހިލާފަށް ނޫން ކަމަށެވެ.
ވަކީލު ވިދާޅުވީ ޖީއެމްއާރުން ނަގާ ޓެކްސްއަކީ އެ ކުންފުންޏަށް ނަގާ ޓެކްސްއެއް ކަމަށާއި އެއީ ދައުލަތަށް ނަގާ ޓެކްސްއެއް ނޫން ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ފިނޭންސް މިނިސްޓްރީ އަށް ދައުވާ ނުކުރެވޭނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ޖީއެމްއާރާ ދެކޮޅަށް ކުރާ ދައުވާ އިއްވަމުން އިމާދު ސޯލިހު ވިދާޅުވީ އެއާޕޯޓް ޑެވެލޮޕްމަންޓް ޗާޖުގެ ގޮތުގައި ނަގާ 25 ޑޮލަރާއި އިންޝުއަރެންސް ޗާޖުގެ ގޮތުގައި ނަގާ ދެ ޑޮލަރުގެ ފީ ނަގަނީ ގާނޫނު އަސާސީގެ 97 ވަނަ މާއްދާ އާއި ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ކަމަށެވެ. އަދި އެ ޓެކްސް ޖީއެމްއާރުން ނަގަނީ ރާއްޖެ އިން ބޭރަށް ފުރާ މީހުންގެ އަތުން ޓެކްސް ނެގުމާ ބެހޭ ގާނޫނާ ވެސް ހިލާފަށް ކަމަށް އިމާދު ވިދާޅުވި އެވެ.
އިމާދު ވިދާޅުވީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖެ އިން ބޭރަށް ފުރާ ބިދޭސީ މީހެއްގެ އަތުން ޓެކްސްގެ ގޮތުގައި ނެގޭނީ 18.5 ޑޮލަރު ކަމަށާއި ދިވެއްސެއްގެ އަތުން ނެގޭނީ ދެ ޑޮލަރު ކަމަށް ބުނެފައިވާ ކަމަށެވެ. އަދި މިހާރު ޖީއެމްއާރުން 25 ޑޮލަރާއި ދެ ޑޮލަރު ނަގަމުންދަނީ މި ގާނޫނާ ހިލާފަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ދައުވާ ފިނޭންސްގެ މައްޗަށް ނުކުރެވޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވާތީ އިމާދު ވިދާޅުވީ މިހާރު ޖީއެމްއާރުން ޓެކްސް ނަގާ ގޮތުން 25 އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ދެ ބިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. އަދި ޖީއެމްއާރުން ސަރުކާރަށް ދައްކަން ޖެހޭ ޓެކްސްގެ ތެރޭގައި މި ފައިސާ ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މި މައްސަލައިގައި ސަރުކާރުން ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް އިމާދު ވިދާޅުވި އެވެ.