28 Jun 2016, 01:05
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ މެޗަކުން މި އަހަރު ފުރަތަމަ ފަހަރަށް ވިކްޓަރީ ސްޕޯޓްސް ކްލަބު މޮޅުވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ބީޖީ ސްޕޯޓްސް ކްލަބު އަތުން ވިކްޓަރީ މޮޅުވެފައިވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާއާއެކު ކުޅުނު ހަ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ލީގުގެ ހަތް ވަނަ އަށް ވިކްޓަރީ ޖެހިލި އިރު، ކުޅުނު ހަ މެޗުން ލިބުނު ދެ ޕޮއިންޓާއެކު ބީޖީ ވަނީ ލީގުގެ ފުލަށް ވެއްޓިފަ އެވެ. ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު ލީގުގެ އެއް ވަނާގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އޮތް އިރު، ދެ ވަނާގައި އޮތް ކްލަބު އީގަލްސް އަށް ކުޅުނު ފަސް މެޗުން ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ.
ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ބީޖީ އަށް ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ އެ ޓީމުގެ ބިދޭސީ ފޯވަޑް ކިންގްސްލީ އެލެޗީ އަށެވެ. ވިކްޓަރީގެ ދެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އުފެއްދި ހަމަލާ، ކީޕަރު ހަސަން ތޮލާލް ވަނީ މަތަކޮށްފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ އާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ވިކްޓަރީން ކާމިޔާބުކުރީ 2-0 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ވިކްޓަރީ އަށް ފުރަތަމަ ހާފުގައި ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. މުހައްމަދު ތަޝްނީމް ދިން ބޯޅައަކުން އޮމޮދޫ ގޮޑްފްރޭ ވެސްޓަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، އޭނާ އަށް ގޯލުގެ ތެރެއަށް އެ ބޯޅަ ފޮނުވާލެވިފައެއް ނުވެ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ތަޝްނީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވިކްޓަރީ އަށް ލިބުނު ހިލޭ ޖެހުމަކުން އޭނާ އުފެއްދި ހަމަލާ، ބީޖީގެ ކީޕަރު ހަނީފް ސާގިބު ވަނީ މަތަކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއް ފަހުން ބީޖީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު، ކިންގްސްލީ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ބީޖީ އަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. މުހައްމަދު ސާބިގް ނަގައިދިން ރީތި ހުރަހަކުން ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ސޮލާހު ބޮލުން އުފެއްދި ހަމަލާ، ކީޕަރު ތޮލާލް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 61 ވަނަ މިނެޓުގައި ވިކްޓަރީގެ ތަޝްނީމް އަށް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔަ އެވެ. ބަދަލު ކުޅުންތެރިޔާ މުހައްމަދު ރިޝްވާން ނަގައިދިން ހުރަހަކުން ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެފައި ތަޝްނީމް ބޮލުން އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ވިކްޓަރީން ވަނީ ލަނޑެއް ޖަހައި، ލީޑު ހޯދައިފަ އެވެ. ތަޝްނީމް ދިން ރީތި ބޯޅައަކުން ވިކްޓަރީ އަށް ލީޑު ހޯދައިދިނީ ބިދޭސީ ފޯވާޑް އޮމޮދޫ ގޮޑްފްރޭ ވެސްޓް އެވެ. އޭނާ އަށް ލިބުނު ބޯޅަ ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އެއްވެސް އުނދަގުލެއް ނެތި ގޯލުގެ ތެރެއަށް ވަނީ ފޮނުވާލައިފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ އާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ވިކްޓަރީން ކާމިޔާބުކުރީ 2-0 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ވިކްޓަރީން ލީޑު ހޯދިތާ ތިން މިނެޓް ފަހުން ބީޖީ އަށް ލަނޑު ޖަހައި، ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ކިންގްސްލީ އަށް ލިބުނު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު އުފެއްދި ހަމަލާ، ޑިފެންޑަރު ވެންޑެލީ ނިކޮލަސް ވެސްޓް ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ 75 ވަނަ މިނެޓުގައި ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފަ އެވެ. ވިކްޓަރީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ވެސްޓް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކީޕަރު ހަނީފް ސާގިބު ކައިރިން ނައްޓާލުމަށްފަހު އެވެ.
މެޗުގެ 80 ވަނަ މިނެޓުގައި ބީޖީގެ އަހްމަދު ޖައިލަމް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ކިންގްސްލީ ދިން ބޯޅައަކުން ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޖައިލަމް ނުރައްކާކުރުމުގެ ކުރިން ކީޕަރު ތޮލާލް ވަނީ ދިފާއުކޮށްފަ އެވެ.
ލީގުގައި މާދަމާ ރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ ރޭ 10:00ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ އެވެ.