ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށައިފިނަމަ "ޅަފަތުގައި" އޮތް ގެސްޓްހައުސް އިންޑަސްޓްރީ ހުއްޓުމަކަށް އަންނާނެ ކަމަށް ގެސްޓް ހައުސް އެސޯސިއޭޝަނުން ބުނެފި އެވެ.

ގެސްޓު ހައުސްތަކުން ގްރީން ޓެކްސް ނެގުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާތީ، އެ އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގެސްޓްހައުސްތަކުގެ މިހާރު ހުރި ރޫމް ރޭޓަށް ރެޔަކަށް އަށް ޑޮލަރު ނުވަތަ ބޮލަކަށް ދެ ޑޮލަރު އިތުރުކޮށްގެން އެ ޓެކްސް ދައްކަން ޖެހިއްޖެ ނަމަ ސަރަހައްދީ ގައުމުތަކުގެ ބަޖެޓް ރޭޓުތަކާއި ކޮމްޕީޓް ނުކުރެވޭވަރުގެ ބޮޑު އަގަކަކަށް އެ އަގު ވެގެންދާނެ އެވެ. އެކަމުގެ ސަބަބުން އިންޑަސްޓްރީއަށް ލިބެމުން އަންނަ މާކެޓް އެއްކޮށް ގެއްލި މުޅި އިންޑަސްޓްރީ ހުއްޓުމަކަށް އަންނާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެ އެވެ.

ދިގު މުއްދަތުގައި ސަރުކާރަށް ފައިދާވާނެ އިންޑަސްޓްރީއަކަށް ކުއްލި ގޮތަކަށް ތައާރަފް ކުރާ ޓެކުހަކުން، ހަލާކުވެގެން ދިއުމުން އެއީ އިގްތިސާދީ ގޮތުން ގައުމަށާއި ރައްޔިތުންނަށް ލިބޭ ފޫނު ބެދޭވަރުގެ ގެއްލުމެއް،ގެސްޓް ހައުސް އެސޯސިއޭޝަން

ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކުން ހިދުމަތް ހޯދާ ފަތުރުވެރިއެއްގެ ބޮލަކަށް ހަ ޑޮލަރުގެ ގްރީން ޓެކްސްއެއް މިހާރު ދަނީ ނަގަމުންނެވެ. ގެސްޓުހައުސްތަކުން އެ ޓެކްސް ނަގަން އަދި ނުފަށަ އެވެ.

ގެސްޓުހައުސްތަކުން އެ ޓެކްސް ނެގުމަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ އިސްލާހެއް ހުށަހަޅާފަ އެވެ. އެ އިސްލާހު ދިރާސާ ކުރަމުންދާ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން ވަނީ ހަ ޑޮލަރުގެ ގޮތުގައި ނަގަމުންދާ ގްރީން ޓެކްސް، ހަތަރު ޑޮލަރަށް ތިރިކުރަން ނިންމާފަ އެވެ. އަދި މިއަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެ ޓެކްސް ނަގަން ވަނީ ނިންމާފަ އެވެ.

ގެސްޓްހައުސް އަކަށް ރެއަކަށް ލިބޭ އާމްދަނީ އާއި ހަރަދުކުރަން ޖެހޭ އާމްދަނީ ދައްކުވައިދޭ ޗާޓެއް --- ފޮޓޯ/ ގެސްޓްހައުސް އެސޯސިއޭޝަން

އެކަމާ ކަންބޮޑުވުން ފާޅުކޮށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނީ ގެސްޓް ހައުސްތަކުން ކުރިއަށް އޮތް އެއް އަހަރަށް ހަދާފައިވާ ބުކިންތަކާއި އެޖެންޓުންނާއެކު ހަދާފައިވާ އެގްރިމެންޓްތަކުގެ ސަބަބުން ކުރިއަށް އޮތް އެއް އަހަރު ދުވަހު ސަރުކާރަށް ދައްކަން ޖެހޭ ގްރީން ޓެކްސް ދައްކަން ޖެހޭނީ ގެއްލުމަކާއެކު ވިޔަފާރިވެރިންގެ އަމިއްލަ ޖީބުން ކަމަށެވެ.

ގެސްޓްހައުސް އިންޑަސްޓްރީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރި މައްޗަށް ބިނާވެގެން، ރަށްރަށުގެ އާންމުންނާއި ގިނަ ޒުވާނުންތަކެއްގެ ދިރިއުޅުމާ އެ ވިޔަފާރި މިހާރު ގުޅިފައިވާ ކަމަށެވެ. އަދި މިހާރުގެ އޮކިއުޕެންސީއަށް ބަލައި ބޭންކްތަކުން ލޯނު ނަގައިގެން އަލަށް ވިޔަފާރި ފަށައިގަތުމަށް ލޯންޗު ފަހަރު ބަންނަމުންދާ ފަރާތްތަކާއި ރެސްޓޯރެންޓް، މޫދުކުޅިވަރު ސެންޓަރުތައް އަދި ޑައިވްސްކޫލް ހިންގާ ޒުވާނުންގެ ވިޔަފާރި މީގެ ސަބަބުން ހުއްޓޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އެ ބަޔާނުގައިވެ އެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ އިސް ބޭފުޅުން މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ އެސޯސިއޭޝަނުން ބުނީ އެ އިންޑަސްޓްރީއަށް އިތުރު ލޮޅުމެއް ނާރައި ކުރިއަށްދާނަމަ މިއަހަރުގެ ސީޒަންގައި ވެސް ގެސްޓް ހައުސްތަކުން ސަރުކާރަށް ޓެކްސްގެ ގޮތުގައި ބޮޑު އަދަދެއް ލިބޭނެ ކަމަށެވެ.

"...ދިގު މުއްދަތުގައި ސަރުކާރަށް އެތައް ގުނައަކުން ފައިދާވާނެ އިންޑަސްޓްރީއެއް ކުއްލި ގޮތަކަށް ތައާރަފް ކުރާ ޓެކުހަކުން ހަލާކުވެގެން ދިއުމުން އެއީ އިގްތިސާދީ ގޮތުން ގައުމަށާއި ރައްޔިތުންނަށް ލިބޭ ފޫނު ބެދޭވަރުގެ ގެއްލުމެއް،" އެ އެސޯސިއޭޝަންގެ ބަޔާނުގައިވެ އެވެ.