27 Jun 2016, 20:58
އާޖެންޓީނާގެ ގައުމީ ޓީމަށް ކުރިއަށް އޮތްތާ ވެސް މެސީ ކުޅޭނެ ކަމަށް އުންމީދު ކުރާ ކަމަށް ޗިލީއާއެކު ކޮޕާ އެމެރިކާ ކާމިޔާބު ކުރި ބާސެލޯނާގެ ގޯލްކީޕަރު ކްލައުޑިއާ ބްރާވޯ ބުނެފި އެވެ.
ކޮޕާ އެމެރިކާގެ ފައިނަލުގައި ޗިލީ އަތުން ޕެނަލްޓީގައި އާޖެންޓީނާ 4-2 ލަނޑުން ބަލިވި މެޗަށްފަހު، މާޔޫސްކަމުގެ ތެރޭގައި ހުރެ، ގައުމީ ޓީމަށް ކުޅުން ހުއްޓާލާކަން މެސީ ވަނީ އިއުލާންކޮށްފަ އެވެ. އެ މެޗަށްފަހު މެސީގެ މޫނުމަތިން ހިތާމަވެރިކަމުގެ އަސަރުތައް ފެނިފައިވެ އެވެ.
"އަހަރެންނަށް މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. އޭނާއަކީ ކިހާ ފެންވަރެއްގެ ކުޅުންތެރިއެއްކަން އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގޭ. އާޖެންޓީނާ އަށް ގިނަ އަހަރުތަކެއްގައި މެސީ ކުޅޭނެ ކަމަށް އުންމީދު ކުރަން،" ކޮޕާ އެމެރިކާގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދި ބްރާވޯ ބުންޏެވެ.
ކޮޕާ އެމެރިކާގެ ފައިނަލުގައި ޕެނަލްޓީ ނާކާމިޔާބު ކުރި ކުޅުންތެރިންގެ ތެރޭގައި މެސީ ހިމެނެ އެވެ. މެސީގެ އިތުރުން އާޖެންޓީނާގެ ލޫކަސް ބިގްލިއާ އާއި ޗިލީގެ ތަރި އާޓުރޯ ވިޑާލް އަށް ވެސް ޕެނަލްޓީ ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.