އެޑިޔުކޭޝަން މިނިސްޓްރީގެ މަރުކަޒީ އިދާރާގައި ޑޮކިޔުމެންޓް މެނޭޖުމަންޓް ސިސްޓަމެއް ތައާރަފް ކޮށްފި އެވެ

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޑޮކިޔުމެންޓް މެނޭޖުމަންޓް ސިސްޓަމް އިފްތިތާހް ކުރުމަށް މިއަދު މިނިސްޓްރީ ގައި ބޭއްވި ރަސްމިއްޔާތުގައި އެ ނިޒާމް އިފްތިތާހް ކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ކަމަށެވެ.

އެ ނިޒާމް އިފްތިތާހް ކޮށްދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މަރުކަޒީ އިދާރާގެ ޚިދުމަތް ލިބިގަންނަ އެހެން އިދާރާތަކުންނާއި އަދި ރައްޔިތުންގެ ފަރާތުން ހުށަހަޅާ ލިޔެކިޔުންތަކާއި، އެހެނިހެން މުޢާމަލާތްތަކަށް އަވަސް ޖަވާބު ދިނުމާއި، ޖަވާބު ދިންކަން ކަށަވަރު ކުރުމަކީ މިނިސްޓްރީއިން އަބަދުވެސް އަހަންމިއްޔަތުކަންދޭ ކަމެއް ކަމަށެވެ.

" މި ނިޒާމްގެ ސަބަބުން ދޭދޭ އިދާރާތަކާއި އަދި ރައްޔިތުންނާ މިނިސްޓްރީއާ ދެމެދު ކުރެވޭ މުޢާމަލާތްތައް ކުރުމަށް އިތުރު ފަސޭހަކަމަކާއި ހަލުވިކަމެއް ގެނެސްދޭނެ. " މިނިސްޓަރ ވިދާޅުވި ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ޑޮކިޔުމެންޓް މެނޭޖުމަންޓް ސިސްޓަމްގެ ޒަރިއްޔާއިން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މައި އިދާރާއަށް އިލެކްޓްރޯނިކް ކޮށް އަދި ކަރުދާސްކޮށް ލިބޭ ހުރިހާ ލިޔެކިޔުންތައް އިލޮކްޓްރޯނިކް ފޯމެޓަށް ބަދަލުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދީ، އެ ލިޔެކިޔުންތަކަށް ޖަވާބު ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ޖަވާބުދެވުނުކަން ކަށަވަރުކޮށް، ފައިލްކުރާނެ ކަމަށް އެ މިނިސްޓްރިން މައުލޫމާތުދެ އެވެ.

އެ ނިޒާމުގެ ތެރެއިން އެފަދަ މަސައްކަތް ބެލެހެއްޓި، މައްސަލަތައް ކުރިއަށްދާ މިންވަރު ލޮގްކޮށް، ކުރިއަށް ގޮސްފައިވާ ހިސާބު ދެނެގަނެވޭނެ ކަމަށާއި އެ ނިޒާމުގެ ސަބަބުން މައްސަލަ ހުށައަޅާ ފަރާތައް ކަނޑައެޅިފައިވާ މުއްދަތުގައި ޖަވާބު ދެވޭކަން ކަށަވަރު ކުރެވި، މައްސަލާގައި ގުޅާ ފަރާތްތަކަށް މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބު ފޯނަށް ޖަވާބުދޭ މުއައްޒަފުން މެދުވެރިކޮށް ބުނެދެވި އަދި މުރާޖާ ކުރަން ޖެހޭ މައްސަލަތައް ފަސޭހަ ކަމާއި އެކު ހޯދައި ބެލުމުގެ ފުރުސަތު ފަހިވެގެން ދާނެކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.