ރާއްޖޭގެ ތިން އަތޮޅެއް ފިޔަވާ އެހެން ހުރިހާ ސަރަހައްދެއްގައި އާންމު ފެރީގެ ޚިދުމަތް ދިނުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ އެމްޓީސީސީއާ އެ ޚިދުމަތް ދިނުމަށް ހަވާލުކުރީ އެ ޚިދުމަތް ދިނުން ޒަމާނީ ކުރުމަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ފެރީގެ ޚިދުމަތް ދިނުމުގައި ނިންމި ބައެއް ނިންމުންތަކުގެ ސަބަބުން އެ ޚިދުމަތް ދެމެހެއްޓެނެވި ގޮތަކަށް ރައްޔިތުންނަށް ފޯރުކޮށްދެވިފައި ނުވާ ކަމަށެވެ.

"ބޮޑު ތަކުލީފުތަކެއް އުފުލަންޖެހުނު ކަމެއް، ފެރީ އާއި ޓްރާންސްޕޯޓު ޚިދުމަތް ވެފައި އޮތީ. ކުރީގެ ސަރުކާރުގެ ބައެއް ނިންމުންތަކުގެ ޚަރަދުތައް ބޮޑުވެގެން ގޮސް ސަރުކާރުން މިކަމާ ގުޅިގެން ވަރަށް ބޮޑެތި ހޭދަތަކެއް ވެސް ކުރަން ޖެހުނު،"

މިނިސްޓަރު ވިދާޅުވީ އެމްޓީސީސީއާ މިކަން ހަވާލު ކުރުމުގެ ސަބަބުން އިކޮނޮމީ އޮފް ސްކޭލް، ނުވަތަ ޚަރަދު ކުޑަކަމާއި އުފެއްދުންތެރިކަމާ އެކު އެ ޚިދުމަތް ފޯރުކޮށް ދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ އެއްބަސްވުމުގެ ދަށުން، ޖުލައި އެއްވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ ފެރީގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާ ކުރާނެ ކަމަށެވެ.

އެމްޓީސީސީއިން ފެރީގެ ޚިދުމަތް ނުދޭނެ ދެ ސަރަހައްދަކީ ދ. އަތޮޅު ހިމެނޭ ސަރަހައްދާއި ރާއްޖޭގެ އެންމެ ދެކުނުގައި އައްޑޫ ސިޓީއާއި ފުވައްމުލަކު ހިމެނޭ ސަރަހައްދަށެވެ. ދ. އަތޮޅުގައި ފެރީގެ ޚިދުމަތް އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ކުރިޔަށް ދާ އިރު، އައްޑޫއާއި ފުވައްމުލަކުގައި ފެރީގެ އިތުރުން ބަހުގެ ޚިދުމަތް ވެސް ދިނުމަށް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށެވެ.