19 May 2011, 16:19
މއ. އަލިދޫގޭ ގޯތީގެ ރަޖިސްޓްރީ ހޯއްދެވުމަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާ ]އެސްބީއައި[ ގޮވައިގެން ކުރީގެ ސަރުކާރުގެ އިސް މަގާމްތަކެއް ފުރުއްވާފައިވާ އިލްޔާސް އިބްރާހިމް ސިވިލް ކޯޓުގައި ދައުވާ ކުރައްވައިފި އެވެ.
އެސްބީއައިގެ މައްޗަށް އިލްޔާސް ދައުވާ ކުރައްވަނީ ވީއޭ ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެސްބީއައި އިން ނެގި ލޯނަކަށް އަލިދޫގެ ރަހުނުކޮށް، ފަހުން އެ ރަހުނު ފިލިތެޔޮ އައިލެންޑް ރިސޯޓަށް ބަދަލު ކުރުމަށް އެސްބީއައި އިން އެއްބަސްވި ނަމަވެސް އެގޮތަށް އަމަލު ނުކުރާ ކަމަށް ވިދާޅުވެ އެވެ. އިލްޔާސްގެ ދައުވާގައި އެދިވަޑައިގެންފައި ވަނީ އަލިދޫގެ ރަޖިސްޓްރީ އެ ގޭގެ ވެރިފަރާތާ ހަވާލު ކުރުމަށް އަމުރު ކޮށްދެއްވުމަށެވެ.
އިލްޔާސްގެ ދައުވާއަށް ރައްދު ދެއްވަމުން އެސްބީއައިގެ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ، އަލިދޫގޭ ގޯތީގެ ރަޖިސްޓްރީ އެ ބޭންކުގައި ރަހުނުކޮށްފައި ވަނީ ވީއޭ ފިޝަރީޒްގެ ފަރާތުން އެ ބޭންކުން ނެގި ލޯނަކަށް ކަމަށެވެ. އަދި އެ މައްސަލައިގައި އިލްޔާސް އިބްރާހިމް އާއި އެސްބީއައިއާ ދެމެދު ގާނޫނީ ގޮތުން އެއްވެސް ގުޅުމެއް ނެތް ކަމަށް ވަކީލު ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ އެސްބީއައިގައި އަލިދޫގެ ރަހުނު ކުރީ ވެސް އިލްޔާސްގެ ފަރާތުން ނޫން ކަމަށާއި ވީއޭގެ ފަރާތުން ކަމަށެވެ. އަދި މިހާތަނަށް ވެސް އެ ރަހުނަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ވަކީލު ވިދާޅުވީ ލޯނުގެ ފުރިހަމަ އަގު އަދާކޮށް ނުނިމެނީސް ރަހުނު ދޫކޮށްލަން އެސްބީއައި އިން ބޭނުންނުވާ ކަމަށެވެ. އަދި އެ ލޯނު ވީއޭގެ ފަރާތުން ފުރިހަމައަށް އަދާ ކުރަމުން ނުދާތީ ދައުވާ ކުރާނެ ކަމުގެ އިންޒާރު ވެސް ވީއޭ އަށް ދީފައިވާނެ ކަމަށް ވަކީލު ވިދާޅުވި އެވެ.
އެސްބީއައިގެ ފަރާތުން ޝަރީއަތުގައި އެދުނީ މި މައްސަލައިގައި އިލްޔާސް އާއި އެ ބޭންކާ ދެމެދު އެއްވެސް ގާނޫނީ ގުޅުމެއްނުވާ ކަމަށް ކަނޑައަޅައިދެއްވުމަށެވެ.
އިލްޔާސްގެ ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެސްބީއައިގެ ވާހަކަތަކަށް ރައްދު ދެއްވުމަށް ފުރުސަތެއް ދެއްވުމަށެވެ. އެ މައްސަލަ ބައްލަވާ ގާޒީ ހާތިފް ހިލްމީ މިއަދުގެ އަޑުއެހުން ނިންމާލެއްވީ އެ ފުރުސަތު ވަކީލަށް ދެއްވުމަށްފަހު އެވެ.