މާލޭ ކޮންޓެއިނާ ބަނދަރާއި މެދު ކުރީގެ ވެރިން ވަނީ އިހުމާލްވެފައި ކަމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް(އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެލްގެ ހިދުމަތް ރަނގަޅުކުރުމަށް އިތުރު ވެހިކަލްތަކެއް ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ ބަނދަރުއޮތީ ދިވެހި ވިޔަފާރިވެރިން އަޅުވެތިކޮށްފައި ކަމަށާއި މިހާރުގެ މެނޭޖުމަންޓްގެ ވިސްނުމަކީ ޑެމެރޭޖް އަރުވައިގެން އާމްދަނީ ހޯދުން ނޫން ކަމަށެވެ.

"އަޅުގަނޑުގެ ފިކުރެއްނެތް ވިޔަފާރިވެރިޔާ ގެންނަ މުދާ ނުނެރި އޭނާ އަށް ފިއްތުންތަކެއްފިއްތައިގެން އެއެއްޗިއްސަށް ޑެމެރޭޖް އަރުވައިގެން ފައިސާ ނެގުމުގެ ފިކުރެއް އަޅުގަނޑުމެން ނެތް. ކުރިއަށްއޮތްތަނުގައި މިތަނަށް މީހަކު ކޮންޓެއިނާއެއް ބަލާ އައީމާ އެއްގަޑިއިރު ތެރޭގައި އެންމެ ލަސްވެގެން ދޭނަން،" ޖުނައިދު ވިދާޅުވި އެވެ.

މީގެކުރިން މާލޭބަނދަރަށް މުދާހިފައިގެން އަންނަ ބޯޓްތައް ކިޔޫޖެހި ބައެއް އުޅަނދުތަކުގެ މުދާ އުކާލާ ހިސާބަށް ކަންކަންގޮސްފައިވާ އިރު އެއީ އިހުމާލެއް ކަމަށެވެ. އެކަމުގެ ސަބަބުން މާލޭ ބާޒާރުގައިތަކެތީގެ އަގު ބޮޑުވިކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މިދައްނަވަނީ ރޭވުންތެރިކަމެއް ނެތިއްޔޭ، ރޭވުންތެރިކަމެއް ނެތިއްޔޭ، މިކަހަލަ ކުޑަ ބަނދަރެއް ހިންގާނެ ވައްޓަފާޅި ނެތިއްޔޭ،" ޖުނައިދު ވިދާޅުވި އެވެ.

ބޯޓްތައް ހުސްކުރެވޭ މުއްދަތު އިތުރުވުމުގެ ސަބަބުން ރާއްޖެއަށް މުދާ ހިފައިގެން އަންނަ އުޅަނދުތައް ގިނަ ދުވަހު އޮންނަންޖެހުމާ އެކު ހަރަދު ބޮޑުވާ ކަމަށާއި ނަތީޖާއެއްގެ ގޮތުން ތަކެތީގެ އަގުތައް އިތުރުވާ ކަމަށް ޖުނައިދު ވިދާޅުވި އެވެ.

އެމްޕީއެލްގެ ވެހިކަލްތައްބާވެ ކޮންޓެއިނާ ހުސްކުރުން ލަސްވެފައިވާ އިރު މިއަދު ވަނީ އަލަށް 22 ވެހިކަލެއް ގެނައުމަށް 140 މިލިއަން ރުފިޔާގެ ޕުރޮޖެކްޓެއް ހަވާލުކޮށްފަ އެވެ.

އެމްޕީއެލްގެ ސީއީއޯ ޖުނައިދު ވިދާޅުވީ މާލޭ ޕޯޓުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެކަންކަން ހައްލުކޮށް ވެރިފަރާތުން ކޮންޓެއިނާ ބޭނުންވާތާ ގަޑިއިރެއްހާ އިރު ތެރޭގައި ކޮންޓެއިނާ ހަވާލުކުރެވޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ.