ރަމަޟާން މަހަށް ޚާއްސަ ކޮށްގެން ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން ޚާއްސަ ފޮޓޯ މުބާރާތެއް ފަށައިފި އެވެ.

ރަފީ އެންޖީއޯއިން މައުލޫމާތު ދޭ ގޮތުގައި "ރަމަޒާން ސްޕްރެޑް ކައިންޑްނެސް ފޮޓޯ ކޮމްޕެޓިޝަން"އަކީ އޯގާތެރިކަމާއި ހިތްހެޔޮކަމުގެ އަމަލުތައް ޕްރޮމޯޓު ކުރުމުގެ ގޮތުން އެ ޖަމިއްޔާއިން ފެށި މުބާރާތެކެވެ.

ރަފީ ޖަމިއްޔާއިން މައުލޫމާތު ދޭ ގޮތުގައި، މި މުބާރާތުގައި ބައިވެރިވުމަށް ކުރަންޖެހޭ ކަމަކީ ޒުވާނުންގެ މެދުގައި މީހުންނަށް ހެޔޮކޮށްހިތުމާއި، ހިތްހެޔޮކަމާއި، ދީލަތިކަމުގެ އަމަލެއް ކުރާ މަންޒަރު ދައްކައިދޭ ފޮޓޯއެއް ފޭސްބުކްގައި ޕޯސްޓު ކުރާށެވެ.

ޖޫން 26 އިން ފެށިގެން ޖުލައި ހަވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި މުބާރާތުގައި ބައިވެރިވެ، ވަނަ ވަނައަށް ދާ ފަސް ފަރާތަކަށް ފަސް އިނާމެއް ހުށަހަޅާފައި ވެ އެވެ.

ފުރަތަމަ އިނާމަކީ ހޮޓެލް ޖެންގެ ފަރާތުން ހަތަރު މީހުންނަށް ބުފޭ ވައުޗާއާއި ހެނދުނުގެ ނާސްތާގެ ވައުޗާގެ އިތުރުން ދެ މީހަކަށް ޕޫލް ޕެކޭޖެއް ހިމެނޭ "ލަގްޒަރީ ލައިފްސްޓައިލް ޕެކޭޖް" އެކެވެ.

ދެވަނަ އިނާމަކަށް ހުޅުމާލޭގެ ޑްރީމްސް އެރީނާ ހޮޓެލްގައި ދެމީހަކާއި ކުޑަކުއްޖަކަށް އެއް ދުވަހުގެ ހުރުމުގެ ފުރުސަތު ހުށަހަޅާފައި ވެ އެވެ. ތިންވަނަ އިނާމަކަށް ލިބެނީ މާލޭގެ ހޮޓެލް ލޭޒްއިން ދެމީހަކަށް ދޭ ހިލޭ ކެއުމެކެވެ. އަދި ހަތަރުވަނައަށް ދާ ފަރާތަކަށް ޖޭޑް ބިސްޓްރޯއިން ދެ މީހަކަށް ހިލެ ކެއުމެއް ހުށަހަޅާފައިވާ އިރު ފަސްވަނަ ހުށަހަޅާފައިވަނީ ފިލިޕްސް ޑެއިލީ ކަލެކްޝަން ބްލެންޑާ އެކެވެ.

މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ރަފީ ޖަމިއްޔާގެވެބްސައިޓާއިސޯޝަލް މީޑިއާ އެކައުންޓުތަކުން ލިބެން ހުންނާނެ އެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަނޑިއަކީ ޖުލައި ހަވަނަ ދުވަހުގެ ހަވީރު 5:00 އެވެ.