މާލޭ ޕޯޓުގެ ހިދުމަތް ރަނގަޅުކުރުމަށް 140 މިލިއަން ރުފިޔާގެ ވެހިކަލް ގެނައުމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް(އެމްޕީއެލް) އިން ޗައިނާގެ ސަނީ ހެވީ އިންޑަސްޓްރީސްއާ ހަވާލުކޮށްފި އެވެ.

ވެހިކަލްތައް ބާވެ މުދާ ކުލިއާކުރުމަށް އެތައް ދައްޗެއް ކުރިމަތިވެފައިވާ އިރު އެމްޕީއެލް އިން އަލަށް ގެންނަ ވެހިކަލްތައް ގެނައުމުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު އެވެ. ސަނީ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސަނީ އިންޑިއާ ކުންފުނީގެ ސީއީއޯ ޑީޕަކް ގަރްގު އެވެ.

އަލަށް ގެންނަ ވެހިކަލްތަކުގެ ތެރޭގައި ހަތަރު އެމްޓީ ކޮންޓެއިނާ ހޭންޑާ އާއި ދެ ފޯކް ލިފްޓުގެ އިތުރުން 10 ކެރޭނަކާއި ހަ ރީޗް ސްޓޭކާ ވެސް ހިމެނެއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޕީއެލް ސީއީއޯ ޖުނައިދު ވިދާޅުވީ މިއީ ވޭތުވެ ދިޔަ 10 އަހަރު ތެރޭގައި އެކުންފުންޏަށް އެފަދަ ވެހިކަލްތައް ގެންނަ ފުރަތަމަ ފަހަރު ކަމަށެވެ. މިފަހަރު ވެހިކަލްތައް ގެންނަނީ އެ ކުންފުނިން ކުރި މަސައްކަތުން 100 މިލިއަން ރުފިޔާ އަގުހެޔޮކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު ހުރި ވެހިކަލްތައްބާވެ މަސައްކަތް ކުރުމަށް ދަތިތަކާއި ކުރިމަތިވެފައިވާ އިރު ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އަލަށް ގެންނަ އެވެހިކަލްތައް މެދުވެރިކޮށް ބަނދަރުގެ ހިދުމަތްތަކަށް އަވަސްކަމެއް އަންނާނެ ކަމަށް ޖުނައިދު ވިދާޅުވި އެވެ.

ސަނީ އިންޑިއާ ކުންފުނީގެ ސީއީއޯ ޑީޕަކް ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑެތި ބަނދަރުތަކުގައި ބޭނުންކުރަނީ އެކުންފުނީގެ ވެހިކަލްތައް ކަމަށާއި ރާއްޖެ ގެންނަ ވެހިކަލްތަކާ އެކު ރާއްޖޭގެ ބަނދަރަށް އިތުރު ފުރިހަމަ ކަމެއް އަންނާނެ ކަމަށް ގަބޫލް ކުރާ ކަމަށެވެ.

އެމްޕީއެލްގެ ސީއީއޯ ޖުނައިދު ވިދާޅުވީ މާލޭ ޕޯޓުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެކަންކަން ހައްލުކޮށް ވެރިފަރާތުން ކޮންޓެއިނާ ބޭނުންވާތާ ގަޑިއިރެއްހާ އިރު ތެރޭގައި ކޮންޓެއިނާ ހަވާލުކުރެވޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ.