19 May 2011, 15:59
ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިނގިލި ދާއިރާގެ މުހައްމަދު ރާމިޒު ޑީއާރުޕީން ކެނޑިގެން އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގު ކުރައްވައިފި އެވެ.
އަމިއްލަ ދަތުރު ފުޅެއްގައި މިވަގުތު ރާއްޖެ އިން ބޭރުގައި ހުންނަވައި، މީޑިއާތަކަށް ރާމިޒު ފޮނުއްވާފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޑިއާރުޕީ ދޫކޮށް އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ލިސްޓެއް ކަމަށް ބުނެ ބައެއް މީޑިޔާތަކުން ފޮޓޯއާ އެކު އާއްމު ކުރަމުންދާ ލިސްޓެއްގައި އޭނާގެ ނަން ހިމަނާފައިވާ ކަމަށެވެ. ނަމަވެސް އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ ބަޔާނުގައި ރާމިޒު ވިދާޅުވެފައި ވަނީ، ޑީއާރުޕީގެ ޓިކެޓްގައި ވިލިނގިލީ ދާއިރާގެ ބޮޑު އިތުބާރެއް ލިބިވަޑައިގެން ރައްޔިތުންގެ މަޖިލީހަށް ހޮއްވަވާފައިވާ މެންބަރެއްގެ ހައިސިއްޔަތުން އެ ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް ޑީއާރުޕީގައި ދެމި ހުރުމަކީ އޭނާގެ ވަރަށް މަތިވެރި އަޒުމެއްކަމަށެވެ. އަދި ޑީއާރުޕީ ދޫކޮށްލުމަށް ފަހު އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވަޑައިގަތުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި ދެމި ހުންނަވާނީ ޑީއާރުޕީގައި ކަމަށް ވެސް އޭނާގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
"ޑީއާރުޕީ ދޫކޮށްލުމަށް ފަހު ދުވަހަކު ވެސް އެމްޑީޕީއަށް، ނޫނީ ޑީއާރުޕީއާ އެއްކޮޅު ނުވަތަ އިދިކޮޅު ފިކުރުގެ އެހެން އެއްވެސް ޕާޓީއަކަށް ބަދަލުވުމާ ބެހޭ ގޮތުން އެއްބަސް ވެފައެއް އަދި މަޝްވަރާތަކެއް ކޮށްފައެއް ވެސް ނޯންނާނެ އެވެ. ފައިސާއެއް ނުވަތަ އެނޫން އަގުހުރި އެހެން މަންފާއެއްގެ އެދުމުގައި ވޯޓު ވިއްކާލުން، ޕާޓީ ބަދަލު ކުރުން ފަދަ އަމަލެއް އަޅުގަނޑު ނުހިންގާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ. އަޅުގަނޑު މިއަދާ ހަމައަށް މި ހުރީ އަދި ކުރިމަގުގައި ހުންނާނީ ވެސް ޑީއާރުޕީގެ ފިކުރަށް ތާއީދު ކުރާ އެ ޕާޓީގެ ޕާލަމެންޓޭރިއަނެއްގެ ގޮތުގައި ކަމަށް ދަންނަވަމެވެ." ރާމިޒުގެ ބަޔާނުގައިވެ އެވެ.
ރާމިޒުގެ ބަޔާނުގައި ބުނެފައި ވަނީ، އެފަދަ ދޮގު ހަބަރުތަކަކީ، ޑޮލަރު ލިބުން ދަތި ވުމާއި ތަކެއްޗާއި ހިދުމަތުގެ އަގުތައް އުފުލެމުންދާ މި ދަނޑިވަޅުގައި އިގްތިސާދީ ދަތިކަމުގެ ވާހަކަތައް އޮއްބާލައި ރައްޔިތުންގެ ސަމާލުކަން އެހެން ކަންކަމަށް އަނބުކާލުމަށް ޓަކައި ފަތުރާ ހަބަރުތަކެއް ކަމަށެވެ. އެހެންކަމުން އިވޭ ކޮންމެ ވާހަކައެއް ގަބޫލު ނުކުރެއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ އިސް ފަރާތްތަކުގެ އަބުރާއި ކަރާމާތަށް އުނިކަން ނާންނަ ފަދައިން ހަބަރުތައް ފެތުރުމަށް އޭނާގެ ބަޔާނުގައި ހަބަރު ފަތުރާ ވަސީލަތްތަކަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމުގައި ކުރިން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އަލީ ވަހީދު މިއަދު ޑީއާރުޕީން ވަކިވެ ވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ވާހަކަ ފެތުރެމުންދާ އިރު، އަލީ ވަހީދާއެކު އިތުރު މެންބަރުންތަކެއް އެމްޑީޕީއަށް ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ވާހަކައަކީ ވެސް ވަރަށް ބާރަށް ދެކެވެމުންދާ ވާހަކަ އެކެވެ.
ރާމީޒު މިފަދަ ބަޔާނެއް މި ނެރުއްވީ ޑީއާރުޕީގެ ބައެއް މެންބަރުން އެމްޑީޕީއަށް ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތަކުގައި ރާމިޒުގެ ނަން ވެސް ހިމަނައިގެން ވާހަކަ ދެކެވުމުން އަންނަ ދަނޑިވަޅެއްގަ އެވެ.