އިމާރާތެއްގެ ފުލެޓް ފުރަތަމަ ފަހަރަށް ގަންނަ މީހެއް ނަމަ ދައުލަތަށް ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަނެ ގައުމީ ތަރައްގީ އާބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

ދިވެހި ރާއްޖޭގެ ބިމާ ބެހޭ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން އެއްމެދު އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ވިއްކާ ނަމަ އެ އިމާރާތް ނުވަތަ ފްލެޓް ވިއްކާ އަގުގެ 15 ޕަސެންޓް ޓެކްސްގެ ގޮތުގައި އެ އިމާރާތެއް ނުވަތަ ފުލެޓެއް ވިއްކާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭނެ އެވެ.

ނަމަވެސް އިމާރާތެއްގެ ފުލެޓް ފުރަތަމަ ފަހަރަށް ގަންނަ މީހެއް ނަމަ ދައުލަތަށް ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް މަޖިލީހަށް ވަނީ އިސްލާހެއް ހުށަހޅުއްވައިފަ އެވެ.

އެ އިސްލާހު ބަލައިގަންނަން ފާސްވީ 53 މެމްބަރުންގެ އިއްތިފާގުންނެވެ. އިސްލާހާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.

ސަލީމް ހުށަހެޅުއްވި އިސްލާހުގައި ފުލެޓް ގަންނަ މީހާއަކީ އުމުރުން 18 އަހަރުވެފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް ވަނީ ލާޒިމްކޮށްފަ އެވެ.

އެފަދަ ފުލެޓެއް ގަންނަ މީހާގެ ނަމުގައި ބިމެއް އޮތަސް ޓެކްސް ނުދެއްކުމުގެ މަންފާ އެ އިސްލާހުގައި އެ މީހަކަށް ލިބިދީފައިވެ އެވެ.

އެ އިސްލާހުގެ ދަށުން އަލަށް ބިން ގަންނަ މީހާ އާއި އެއްމެދު އިމާރާތްތައް އަލަށް ގަންނަ މީހުންގެ އަތުން ނަގާ ފައިސާ އިން ދައުލަތަށް ޓެކްސް ދެއްކުމުން އިސްތިސްނާއެއް ނުކުރެ އެވެ.