އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ އަށް ދިވެހިރާއްޖެ އިން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ކަމަށާއި އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުކަމަށާއި ކެނެޑާއަށް ދިވެހިރާއްޖެ އިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމަށް ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަފީރު ކަމަށް ޑރ. އަލީ ނަސީރު އައްޔަން ކުރަން ފާސްވީ 57 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ސަފީރު ކަމަށް ޑރ. އަލީ ނަސީރު އައްޔަން ކުރަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއްނުދެއެވެ. އަދި ވަކި ކޮޅަކަށް ވޯޓު ނުދެއްވަނީ އެއް މެމްބަރެވެ.

މިއަދުގެ ޖަލްސާގައި ނެދަލެންޑްސް އާއި ލަގްޒަމްބާގްއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، ގ. ސަމަންތާ، އަހުމަދު ޝިއާން އައްޔަން ކުރުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

އެ މަގާމަށް ޝިއާން އައްޔަން ކުުރުމަށް ފެންނަ ކަމަށް 61 މެމްބަރުން ވޯޓު ދެއްވި އިރު ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ސަފީރުކަމަށް ޑރ. ނަސީރާއި ޝިއާން އައްޔަން ކުރުމުގެ މައްސަލަ ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވައި، ދެ ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމިޓީ އަށް ފޮނުވީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ.

މައްސަލަ ދިރާސާކޮށް ކޮމިޓީ އިން މަޖިލީހަށް ފޮނުވި ރިޕޯޓުގައި ބުނެފައި ވަނީ ޑރ. އަލީ ނަސީރު އަދި ޝިއާން އަހުމަދަކީ ވެސް އިންޓަވިއު ކުރުމަކާ ނުލައި، ސަފީރު ކަމަށް އައްޔަން ކުރުމަށް އެކަށީގެންވާ ދެ ބޭފުޅުން ކަމަށެވެ.