ޕީއެސްއެމް އިން ގެނެސްދިން މޯލްޑިވިއަން އައިޑަލް ކާމިޔާބު ކުރި ލައިޝާ ޖުނައިދު އަދި މުބާރާތުގެ ތިން ވަނަ ހޯދި މުހައްމަދު އިޝާންގެ ލަވަތަކެއް ވަރަށް އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބުނެފި އެވެ.

ޓީމީއެމް އިން މި ރަމަޟާން މަހު ގެނެސްދޭ 'ސެލެބްރިޓީ ޓައިމް' ގައި ވާހަކަ ދައްކަމުން ލައިޝާ ބުނީ މިހާރު ކުރިއަށްދާ އޭލެވެލް އިމްތިހާނު ނިމުނުހާ އަވަހަކަށް ލަވަ އަލްބަމެއްގެ މަސައްކަތް ފަށަން ރާވާފައިވާ ކަމަށެވެ.

އެ އަލްބަމްގައި މުޅިން ވެސް ހުންނާނީ އަމިއްލަ ރާގުތަކުގެ ލަވަ ކަމަށާއި ލަވައިގެ ހުރިހާ ކަމެއްގައި ވެސް އޭނާގެ ބައިވެރިވުން އޮންނާނެ ކަމަށް ލައިޝާ ބުންޏެވެ.

"ލައި ބޭނުން ވަނީ އެހެން މީހަކު އޭތި ހަދާފަ ލައި އަށް ލަވަ ކިޔާށޭ ކިޔާފައި ދޭކަށް ނޫން. އޭގައި ލައިގެ އިންޕުޓް އިންނަށް ބޭނުން ލިރިކްސް ގަވެސް މިޔުޒިކް ގަވެސް،" ލައިޝާ ބުންޏެވެ.

ލައިޝާ ބުނީ އަލްބަމުގައި "ފެމިނިން" ލަވަތައް މަދުވާނެ ކަމަށާއި ގިނައިން ހުންނާނީ "ކައްޗަށް އެޅި ބިންގާ" ފަދަ ލަވަތައް ކަމަށެވެ. އަލްބަމް ނެރޭނެ ވަކި ދުވަހެއް ބުނަން ނޭނގުނު ނަމަވެސް މި އަހަރު ތެރޭގައި ލަވަތައް އިވޭނެ ކަމަށް ލައިޝާ ވަނީ ބުނެފަ އެވެ.

ޝޯގައި ވާހަކަ ދައްކަމުން އިޝާން ބުނީ ވަރަށް އަވަހަށް އިޝާންގެ ލަވަތަކެއް އަޑު އިވިގެންދާނެ ކަމަށެވެ. އިޝާން ބުނީ މިހާރު ލަވަތަކެއްގެ މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ.

"ދިވެހިންގެ ހުރި އެއްޗެހި ބޭނުންކޮށްގެން ތަފާތު އެއްޗެއް ނެރެވޭތޯ މި ބަލަނީ،" އިޝާން ބުންޏެވެ.

އިޝާން ބުނީ އަލްބަމެއް ނެރުމުގެ ވިސްނުން ހުރި ނަމަވެސް، އޯޑިއޯ އަލްބަމެއް ނުނެރޭނެ ކަމަށެވެ. ނެރޭނީ ވީޑިއޯ އަލްބަމެއް ކަމަށާއި، އެ އަލްބަމުން ރާއްޖެ އަކީ ކޮބައިކަމާ ރާއްޖޭގެ މިޔުޒިކް ފެނިގެންދާނެ ކަމަށް އޭނާ ބުންޏެވެ.