ވޮޝިންޓަން (ޖޫން 27): އެމެރިކާ ރައްޔިތުންގެ މެދުގައި ރިޕަބްލިކަން ޕާޓީގެ ޑޮނަލްޑް ޓްރަމްޕަށް އޮތް ތާއީދަށް ވުރެ ޑިމިކްރަޓިކް ޕާޓީގެ ހިލަރީ ކްލިންޓަންއަށް އޮތް ތާއިދު ބޮޑު ކަމަށް އެގައުމުގައި ހެދި ދެސާވޭއި ން އިއްޔެ ދައްކައިފި އެވެ.

ވޮޝިންޓަން ޕޯސްޓާއި އޭބީސީ ނިއުސް އިން ހެދި ސާވޭއިން ދެއްކި ގޮތުގައި މިދިޔަ މަހާ އަޅާ ބަލަ އިރު ޓްރަމްޕަށް ތާއިދު ކުރާ މީހުންގެ އަދަދު ވަނީ ދަށްވެފަ އެވެ. އަދި ކްލިންޓަންއަށް ތާއިދު ކުރާ މީހުންގެ އަދަދު މިހާރު ޓްރަމްޕަށް ތާއިދު ކުރާ މީހުންގެ އަދަދަށް ވުރެ 12 ޕަސެންޓް އިތުރެވެ. މިދިޔަ މަހުގެ ސާވޭގައި ދެ ޕަސެންޓު އިތުރު ވޯޓާ އެކު ކުރީގައި އުޅުއްވީ ޓްރަމްޕް އެވެ.

ވޮޝިންޓަން ޕޯސްޓުން ބުނި ގޮތުގައި މުޅި ގައުމަށް ހުޅުވާލައިގެން ހެދި އެސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުން ދެކޭ ގޮތުގައި ރައީސަކަށް ވުމަށް ޓްރަމްޕްގެ ކުފޫ ހަމަނުވެ އެވެ.

ދެވަނަ ސާވޭ ހަދާފައި ވަނީ ވޯލްސްޓްރީޓް ޖާނަލް އާއި އެންބީސީ ނޫހުންނެވެ. އެސާވޭ އިން ވެސް ފަސް ޕަސެންޓް އިތުރު ވޯޓާއެކު ކުރީގައި އުޅުއްވަނީ އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ކްލިންޓަން އެވެ.

ޑިމޮކްރަޓިކް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓުކަން ކަށަވަރުވާ ފަރާތެއް ނިންމާނީ މިއަންނަ މަހު އެދެ ޕާޓީން ބާއްވަން ހަމަޖައްސާފައިވާ ކޮންވެންޝަންގަ އެވެ. އަދި އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވާނީ ނޮވެމްބަރު 8ގަ އެވެ. (ވީއޯއޭ)