ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައި ވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް އިއްވާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި، ސިފައިން މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގަ އެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅުކަމަށް ހައިކޯޓުންވެސް ވަނީ ނިންމާފަ އެވެ.

ޕީޖީ އޮފީހުގެ ފަރާތުން އެމައްސަަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ހުކުމަކީ ނިހާއީ ހުކުމެއްކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ. މައްސަލަ ބެލުމަށްފަހު މިއަދު ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ކްރިމިނަލް ކޯޓުގައި ބަލައި ހުކުމްކޮށްފައިވާ އެ މައްސަލަ އިން ބަރީއަތްވުމަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނަޝީދަށް އަރުވާފައިވާ ކަމަށެވެ.

މައްސަލައަކީ ހުޅުމާލޭ ކޯޓުގައި ހިނގަމުންދާތާ ގާތްގަނޑަކަށް ތިން އަހަރުވެފައިވާ މައްސަލައެއް ކަމަށާއި އޭގެ ފަހުން މައްސަލަ އަނބުރާ ގެންގޮސް ކްރިމިނަލް ކޯޓަށް އަލުން ހުށަހެޅީ ކަމަށެވެ. އަދި ހުޅުމާލޭ ކޯޓުގައި މައްސަލަ ބަލަމުން ދިޔަ އިރު މައްސަލައާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ވެސް ނަޝީދަށް އަރުވާފައިވާ ކަމަށާއި އެކޯޓުގައި ވެސް މަސައްކަތް ކުރެއްވީ ހަމަ އެއް ވަކީލުން ތަކެއް ކަމަށް ހުކުމުގައިވެ އެވެ.

ްކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށްދިޔަ އިރު ވަކީލެއް އއްޔަން ކުރުމުގެ ފުރުސަތު ނަޝީދަށް އަރުވާފައިވާކަމަށާއި ވަކީލުން އައްޔަންކޮށް ޝަރީއަތްތަކެއް ކުރިއަށް ދިއަ ފަހުން ވަކީލުން އަމިއްލައަށް މައްސަލައިން ތަނާޒުލްވެފައިވާކަމަށް ހުކުމުގައިވެ އެވެ. އަދި އޭގެ ފަހުންވެސް ވަކީލެއް އައްޔަން ކުރުމަށް ނަޝީދަށް ފުރުސަތު އެރުވި ނަމަވެސް ދީފައިވާ ވަގުތުގެ ތެރޭގައި ވަކީލެއް އައްޔަންކޮށްފައި ނުވަނީ ކަމަށް ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.

މައްސަލައަކީ ކްރިމިނަލް ކޯޓުގައި އެމައްސަލަ ބެލި އިރު އިސްގާޒީއަކަށް ހުންނެވި އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)ގެ މަސްލަހަތު އޮންނަ މައްސަލައަކަށްވުމުން އެމައްސަލާގެ އެއްވެސް ކަމެއްގައި އަބްދުﷲ ގާޒީ ބައިވެރިވެފައިނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކޮށް އެމައްސަލަ ހިނގާދިޔައިރު އެކޯޓުގައި ތިބި ގާޒީންނަށް އެމައްސަލަ ނުބެލޭނެކަމުގެ އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔަ އިރު ހެކި ހުށަހެޅުމުގެ ފުރުސަތު ނަޝީދަށް ދީފައިވާ ކަމަށާއި ނަމަވެސް ހެކިން ހާޒިރު ނުކުރަން ގާޒީމް ނިންމެވީ އެބޭފުޅުންނަށް ލިބިދެވޭ ބާރުގެ ދަށުންކަމަށް ހުކުމުގައިވެ އެވެ. އަދި ނަޝީދުގެ ފަރާތުން ހުށަހެޅި ހެކިން ހާޒިރު ނުކުރުމަށް ފަނޑިޔާރުންގެ ބެންޗުން ނިންމާފައި ވަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން މައްސަލަ ރަނގަޅަށް ސާފުވެ، ސާބިތުވާވަރަށް ހެކިބަސް ލިބިފައިވާތީކަން އެނގޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ކުރިއަށްގޮސްފައި ވަނީ ހުރިހާ ހައްގުތަކެއް ދެވިގެން އިންސާފުން ކަމަށް ހުކުމުގައިވެ އެވެ. އަދި ހައިކޯޓުން އެމައްސަަލަ ބަލައި ނުގަންނަން ނިންމައި ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅުކަމަށް ކަނޑައަޅާފައި ވަނީ ރަނގަޅަށް ކަމަށް ވެސް ހުކުމުގައިވެ އެވެ. އެހެންކަމުން އެހުކުމަށް ބަދަލު ގެންނަން ޖެހޭ އެއްވެސް ތަނެއް ނެތް ސުްޕްރީމް ކޯޓުގެ ހުރިހާ ފަނޑީޔާރުންގެ އިއްތިފާގުން ވަނީ ހުކުމް ކޮށްފަ އެވެ.

އެ މައްސަލާގެ ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެވެ. އެ މައްސަލައިގެން ބެންޗުގައި ދެން ހިމެނި ވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފު އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އެވެ.

ނަޝީދު 13 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ 2015 މާޗު 13 ވަނަ ދުވަހު އެވެ. އެހުކުމުގެ ސައްޚަކަން ކަށަވަރުކުރަން ޕީޖީ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އެ މައްސަލައިގައި ރައީސް ނަޝީދުގެ ފަރާތުން ކަންބޮޑުވުންފާޅުކުރި ނުކުތާތަކާ މެދު ގޮތެއް ނިންމުމަށްފަހު މައްސަލަ ބޭރުކޮށްލާފައެވެ. އެއީ ރައީސް ނަޝީދުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކެއް ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކެވެ. އެކަންކަމާ މެދު ގޮތެއް ނިންމީ ހައިކޯޓަށް ލިބިދީފައިވާ ވިރާސީ ބާރުގެ ދަށުންނެވެ.