27 Jun 2016, 12:20
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަން ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށް ސާބިތުވެ، އޭނާ މެރުމަށް ކޯޓުގެ ތިން މަރުހަލާއިން ވެސް ހުކުމް ކޮށްފައިވާ އިރު، ގިނަ މައްސަލަތަކެއް ފާހަގަކޮށް، އެ ހުކުމް ތަންފީޒުކުރުން ހުއްޓުވުމަށް އެދި އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ސޮއި ކުރައްވައި ކޮމިޓީއަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ޑރ. އަފްރާޝީމްގެ މަރަކީ ބަޔަކު ހުމާމަށް ފައިސާ ދީގެން ހިނގާފައިވާ ގަތުލެއްކަން ފުލުހުން ވެސް މީގެ ކުރިން ބުނި ނަމަވެސް އެ ބަޔަކު ހޯދުމުގެ ފުރިހަމަ ތަހުގީގެއް ހިނގާފައި ނުވާ ކަމަށާއި އެމީހުން މިހާތާނަށް ހޯދިފައި ވެސް ނުވާ ކަމަށެވެ.
ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅިގެން ހުމާމަށް ހުކުމް ކުރަން އޮތް ރޭ، މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް ނުނިމެނީސް މަރުގެ ހުކުމް ތަންފީޒުކުރަން ބޭނުން ނުވާކަމަށް ބުނެ ޑރ. އަފްރާޝީމްގެ ބައްޕައާއި ބޭބެ ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއް ހުށަހަޅާފަ އެވެ.
އެހެން ނަމަވެސް އެވަގުތަކީ ރަސްމީ ގަޑިއެއް ނޫން ކަމަށް ބުނެ ކޯޓުން އެ ސިޓީ ބަލައިގެންފައެއް ނުވެ އެވެ.
އެމްޑީޕީ އިން ކޮމިޓީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ތަހުގީގު ފުރިހަމަވަންދެން ހުމާމުގެ މައްޗަށް ގިސޯސް ހިފަން ބޭނުން ނުވާކަމަށް އަފްރާޝީމްގެ ވާރިސުން ބުނި ނަމަވެސް އެކަމަށް ބެލުމެއް ނެތި ކޯޓުން ހުކުމް ކުރީ ކަމަށާއި ރަސްމީ ވަގުތެއް ނޫން ކަމަށް ބުނެ ސިޓީ ބަލައިނުގަތް އިރު ހުމާމްގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމްކުރީ އެރޭ މެންދަރު 2:00 ޖެހި އިރު ކަމަށެވެ.
"ގިސާސް ނުހިފާ ދޫކޮށްލުމުގެ ހައްގަކީ ވާރިސުންނަށް މުތުލަގުކޮށް ލިބިގެންވާ ހައްގަކަށްވާ އިރު..." އެ ސިޓީގައި ފާހަގަ ކޮށްފައި ވެ އެވެ.
އެހެންކަމުން، މިފަދަ ސަބަބުތަކެއް ފާހަގަ ކުރެވެން ހުރި އިރު މީހެއްގެ "ފުރާނަ ދުއްވާލުން ތަންފީޒުކުރުމަކީ" އިސްލާމީ ޝަރީއަތުގައި ހާކިމާއަށް ހުއްދަވާނެ ކަމަކަށް ނުވާނެ ކަމަށާއި ހާކިމާއަށް އެކަން ނުކުރުމުގެ ބާރާއި އިޚްތިޔާރު ލިބިގެންވާ ކަމަށް އެމްޑީޕީ އިން ފާހަގަ ކޮށްފައިވެ އެވެ.
"ހުމާޟް މެރުން ތަންފީޒުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން އަލުން މުރާޖާކޮށް ބަދަލުކުރަން ޖެހޭ މިދެންނެވި ފަދަ ސަބަބުތަކާ މެދު ތިޔަ ކޮމިޓީން ގޮތެއް ނިންމަވައި ސަރުކާރުން ހުމާމް މެރުން ތަންފީޒުކުރުން ހުއްޓުވުމަށް މި މައްސަލަ ހުށަހަޅަމެވެ،" އެމްޑީޕީގެ ފަރާތުން އީވާ ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި ހުމާމްގެ މައްޗަށް ހައި ކޯޓުން އިއްވި މަރުގެ ހުކުމް ވަނީ 24 ޖޫން 2016 ވަނަ ދުވަހުގެ މެންދަރު 2:20 ހާ އިރު އެ ކޯޓުން އިއްވި ހުކުމެއްގަ އެވެ.