މަސް ކާރުހާނާއެއް އެޅުމަށް ހޮރައިޒަން ފިޝަރީޒް އަށް ގދ. ހޯޑެއްދޫ އިން ދީފައިވާ ބިމެއްގައި މަސައްކަތް ނުފެށި ލަސްވަމުންދާ ކަމަށް ބުނެ އަންނަ ހުކުރު ދުވަހު އެ ރަށުގެ ޒުވާނުންތަކެއް މުޒާހަރާ ކުރަން ނިންމައިފި އެވެ.

ހޯޑެއްދޫ ޒުވާނުންގެ ފަރާތުން އެ މުޒާހަރާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު މިއަދު ބުނީ ހޮރައިޒަން އަށް ދީފައިވާ އެ ބިމުގައި ފެބްރުއަރީ 16، 2006 ގައި ހޮރައިޒަންގެ މަސް ފެކްޓްރީއެއް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ހުއްޓާލާފައި އޮންނަތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އޭނާ އަދި ބުނީ މުޒާހަރާއަކަށް ނުކުންނަނީ އެ ބިމުގައި މަސައްކަތް ކުރަމުންދިޔަ އެ ރަށުގެ ޒުވާނުންތަކެއް 2009 ގެ މެދެއްހާތަނުގައި ވަޒީފާ އިން ވަކިކޮށްފައިވާތީ އާއި އެ ބިމުގައި އެއްވެސް މަސައްކަތެއް ނުކުރެވި، އެރަށުގެ ގިނަ ޒުވާނުންތަކަކަށް ވަޒީފާއެއް ނުލިބި ތިބެންޖެހިފައިވާތީ އެކަން ހައްލުކުރަން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބުރާހިމްގެ ބޮޑު ހިއްސާއެއް އޮންނަ ހޮރައިޒަން އަށް ހޯޑެއްދޫން ދީފައިވާ ބިމަކީ އެ ރަށުގެ ފަސްގަނޑުގެ ލެވެލަށްވުރެ އުސްކޮށް ފަސްއަޅާފައިވާ ތަނެކެވެ. ވިއްސާރަ މޫސުމުގައި އެ ބިމުން ފައިބައިގެންދާ ފެނުން އެރަށުގެ ދަނޑުބިންތަކަށް ގެއްލުން ލިބޭ ކަމަށް ވެއެވެ.
ހޯޑެއްދޫގައި އޮންނަ އެ ބިމާ ހަވާލުވެގެން ހުންނަވާ ހޮރައިޒަންގެ އޮފިޝަލު މުހައްމަދު ނިޔާޒު މިއަދު ވިދާޅުވީ މަސައްކަތް ހުއްޓާލާފައިވަނީ އިގުތިސާދީ ހީނަރުކަން އައި ދުވަސްކޮޅު ކަމަށެވެ. މަސައްކަތް ހުއްޓާލާފައިވާ ކަމަށް ބުނެ އެ ރަށުގެ ބަޔަކު ބޭއްވުމަށް ހަމަޖައްސާފައިވާ މުޒާހަރާއާ ބެހޭ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މުޒާހަރާ ކުރަންވެގެން އުޅެނީ ރަށުގެ މަދު ބައެއް. މަސައްކަތް ހުއްޓިފައިވަނީ އެކި ކަހަލަ ދަތިތަކާ ވެސް ކުރިމަތިވެގެން، މިހާރު ވެސް ރަށު ބައެއް މީހުން ސައިޓްގެ މަސައްކަތުގަ އުޅޭނެ،" ނިޔާޒު ވިދާޅުވި އެވެ.

ފިޒަރީޝް މިނިސްޓްރީން ހޮރައިޒަން އަށް ދީފައިވާ އެ ބިމާ ބެހޭ މައުލޫމާތު ސާފުކުރުމަށް ފިޒަރީޝް މިނިސްޓްރީގެ ކަމާ ބެހޭ ބޭފުޅުންނާ ގުޅުމުން ވެސް އެބޭފުޅުން ވަނީ އެކަމާ ބެހޭ މައުލޫމާތުތައް ހާމަކުރެއްވުމަށް އުޒުރުވެރިވެވަޑައިގެންފަ އެވެ.