ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ހައްޖަށްދާ މީހުން އުފުލުމަށް "ސައުދީ އަރަބިއަން އެއާލައިން" ހަމަޖެހެއްސުމާ އެކު ބައެއް އިނާއަތްތަކާ އެކު ފުލައިޓް ޑިލޭވުމުގެ މައްސަލަ ކުޑަވާނެ ކަމަށް ހައްޖު ކޯޕަރޭޝަންއިން ބުނެފި އެވެ.

މިދިޔަ އަހަރު އެތައް އިރެއް ވަންދެން ހައްޖު ފުލައިޓްތައް ޑިލޭވީ މެގަމޯލްޑިވްސް އިން ގެންގުޅުނީ އެއް ފުލައިޓް ކަމަށްވުމުން އެފުލައިޓް ޑިލޭވުމުން ދެން ހުރި ހުރިހާ ދަތުރެއް ޑިލޭވާތީ އެވެ. އެގޮތުން މިދިޔަ އަހަރު ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ ނައިސް އެތައް އިރެއް ހޭދަކުރަންޖެހުނެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ 1000 މީހުން އުފުލުމަށް ސައުދީ އެއާލައިން ހަމަޖައްސާފައިވާ އިރު ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް މިއަދު ސަން އަށް ވިދާޅުވީ މިފަހަރު ހައްޖުވެރިން ސައުދީއަށް ގެންދިއުމަށް ހަތަރު ފުލައިޓް ބޭނުންކުރާ އިރު ހައްޖުވެރިން އެނބުރި ރާއްޖެ ގެނައުމަށް ތިން ފުލައިޓް ބޭނުންކުރާނެ ކަމަށެވެ.

ސައުދީ އެއާލައިނަށް ހާއްސަ ޓާމިނަލެއް ހުންނައިރު ދަތުރު އަވަސްވެ ޑިލޭވުމަށް ހައްލު އަންނާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"ޑިލޭއެއް އައުމަކީ ވެދާނެ ކަމެއް އެކޮޅުގެ އެއާޕޯޓް ހުންނަގޮތުން، އެހެންނަމަވެސް ކުރިއަށް ވުރެ ރަނގަޅުވާނެ ކަމަށް މިބަލަނީ." ޔާމީން ވިދާޅުވި އެވެ.

ހައްޖުވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ބަރުވެގެން ބައެއް ތަކެތި ނުގެނެވުމެވެ. މީގެ ކުރިން މީހަކަށް ގެންނަން ލިބެނީ 30 ކިލޯ އެވެ. ނަމަވެސް ޔާމީން ވިދާޅުވީ ސައުދީ އެއާއިން ކޮންމެ ހައްޖުވެރިއަކަށް މި އަހަރު 40 ކިލޯ ގެނެވޭ ކަމަށެވެ.

މީގެ ކުރިން ދެ އަހަރު ވެސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ މީހުން އުފުލުމަށް ހަވާލުކޮށްފައި ވަނީ މެގަ މޯލްޑިވްސް އާ އެވެ.