ސިންގަޕޫރު (ޖޫން 27): ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގައި ކުއްލިއަކަށް ޖެއްސި ސިންގަޕޯ އެއާލައިންސްގެ ފްލައިޓެއްގައި ރޯވެއްޖެ އެވެ.

ސިންގަޕޯ އެއާލައިންސްގެ ފްލައިޓް އެސްކިއު368ގައި ރޯވި އިރު ބޯޓުގައި 222 ފަސިންޖަރުންނާއި 19 ކުރޫއިން ތިއްބެވެ. ނަމަވެސް އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެ އެވެ.

ފްލައިޓުގެ ފަސިންޖަރުން ބުނި ގޮތުގައި ފްލައިޓް އެއާޕޯޓުގައި ޖައްސާފައި ވަނީ ފަސޭހަކަމާ އެއްކޮށެވެ. ނަމަވެސް، ފްލައިޓު ޖެއްސިތާ ކުޑަ އިރުކޮޅެއް ފަހުން އޭގެ ކަނާތް ފަރާތުގައި ރޯވި މަންޒަރު ފެނުނެވެ.

ަބޯއިން 777 މަރުކާގެ އެފްލައިޓް ސިންގަޕޫރު އެއާޕޯޓުގައި ކުއްލިއަކަށް ޖައްސާފައި ވަނީ އިޓަލީގެ މިލާނަށް ދަތުރު ފެށިތާ ގާތްގަނޑަކަށް ދެގަޑި އިރު ފަހުންނެވެ. ސިންގަޕޯ އެއާލައިންސް އިން އާއްމު ކުރި ބަޔާނެއްގައިވާ ގޮތުން ފްލައިޓުގައި ރޯވެފައި ވަނީ އިންޖީން އޮއިލް އިންޒާރުގެ މެސެޖަކަށް ފަހުގަ އެވެ.