27 Jun 2016, 11:31
އަހަރެންގެ ނަމަކީ އަފްރާ އަލްޝައިބާނީ އެވެ. އަހަރެން އުޅެ ބޮޑުވީ ނަސާރާ ދީނަކީ ހައްގު ދީން ކަމަށް ގަބޫލުކޮށްގެންނެވެ. އަދި ބައިބަލްއަކީ ކަލާނގެ ބަސްފުޅު ކަމަަށް ދެކިގެންނެވެ. އަހަރެން ތައުލީމު ހާސިލު ކުރަމުން ދިޔައީ ވެސް އެފަދަ ހިޔާލު ގެންގުޅޭ ކްރިސްޓިއަން ސްކޫލުތަކުގަ އެވެ. ނަމަވެސް، އެހެން ދީންތަކާ މެދު ވިސްނަން އަހަރެންނަށް މަޖުބޫރުވީ އަހަރެން އުފަންވި ކުޑަ ކުޑަ މުޖުތަމައުން ދުރަށް ޖެހިލައި، ތަފާތު ގައުމުތަކާއި ދީންތަކުގެ މީހުންނާ އެއްކޮށް އުޅެން ޖެހުމުންނެވެ. އެއީ އަހަރެން ކޮލެޖުގައި ކިޔަވަން ފެށި ހިސާބުންނެވެ.
ވެސްޓާން މިޝިގަން ކޮލެޖުގައި އަހަރެންނަށް އުޅެން ޖެހުނީ އިންޓަނޭޝަނަލް ޑޯމްގަ އެވެ. އަހަރެންގެ ކޮޓަރި ހިއްސާ ކުރަން ޖެހުނީ އެމެރިކާގެ ކުއްޖަކާ އެއްކޮށް ކަމަށްވީ ނަމަވެސް އެޑޯމްގައި އަރަބި ގައުމުތަކަށް ނިސްބަތްވާ ކުދިން ގިނަކަން އެނގުމުން އަހަރެން ވަރަށް ބިރުގަތެވެ. ސަބަބަކީ މުސްލިމުންނާ ބެހޭ ގޮތުން އަހަންނަށް މާބޮޑު އެއްޗެއް އެނގިފައި ނުވުމެވެ. އަހަންނަށް އޭރު އެނގިފައިވާހާ ވެސް ކަމަކީ މުސްލިމުންނަކީ ނުރައްކާތެރި ބައެއް ކަމެވެ.
ނަމަވެސް، ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އަހަރެންގެ ރޫމްމޭޓެކޭ އެއްފަދައިން އަހަރެން ވެސް އަރަބި ކުދިންނާ އެކުވެރިވެ ގުޅުން ބަދަހި ކުރީމެވެ. އެންމެ ފަހުން އަހަރެމެން ދެމީހުން ރައްޓެހިވީ ވެސް އަރަބި ދެފިރިހެނުންނާ އެވެ. ނަަމަވެސް، އަހަރެންގެ ބައިވެރިޔާ އަކީ އޭރު ހަމައެކަނި ނަމުން މުސްލިމެކެވެ. އޭނާ އިސްލާމް ދީނަށް އަމަލު ނުކުރެ އެވެ. އެހެންކަމުން އަހަރުމެން ދީނުގެ ވާހަކައެއް އެއްވެސް ވަރަަކަށް ނުދައްކަމެވެ.
އޭގެ ދުވަސްކޮޅެއް ފަހެވެ. ކޮލެޖު ޗުއްޓީ ތެރޭގައި އަހަރެންގެ ބައިވެރިޔާއާ އަހަރެން ކައިވެނި ކުރީމެވެ. އޭރު ވެސް ދެމީހުންގެ ދީނީ ތަފާތުތަކާ ބެހޭ ގޮތުން އަހަރެމެން މަޝްވަރާއެއް ނުކުރަމެވެ. އަދި އޭރު ވެސް އަހަރެންގެ ފިކުރު ހުރީ ހަމައެކަނި ނަސާރާ ދީނަށެވެ. ނަމަަވެސް، ހަމަ އެޗުއްޓީ ތެރޭގައި އަހަރެންގެ ހަޔާތަށް އިސްލާމް ދީން ކުއްލިއަކަށް ތައާރަފްވި އެެވެ. އެއީ އަހަރެންގެ ރޫމްމޭޓު އިސްލާމްވި ހިސާބުންނެވެ. އަދި އަހަރެންގެ ބައިވެރިޔާ އަނެއްކާ ވެސް އިސްލާމް ދީނަށް އަމަލު ކުރަން ބޭނުންވާ ވާހަކަ އަހަރެންނާ ހިއްސާ ކުރުމުންނެވެ.
އަހަރެންނާ އެންމެ ގާތް ދެމީހުންނަށް އައި ބަދަލުގެ ސަބަބުން އަހަރެން ވަރަށް ބޮޑަށް ކަންބޮޑުވި އެވެ. އަދި އިސްލާމް ދީނުގައިވާ ހުރިހާ އުނި ކަންތައްތައް ފާހަގަކޮށް ނަސާރާ ދީނުގެ ފުރިހަމަކަން އެމީހުންނަށް ސާބިތުކޮށްދޭން ނިންމީމެވެ. އެސަބަބަށް ޓަކައި އަހަރެން އިސްލާމް ދީނާ ބެހޭ ގޮތުން އަމިއްލައަށް ދިރާސާ ކުރަން ފެށީމެވެ. އިސްލާމް ދީނާ ބެހޭ ގޮތުން މުސްލިމުންނާއި ޣައިރު މުސްލިމުން ލިޔެފައިވާ ފޮތްތައް ކިޔަން ފެށީމެވެ. އަދި އިސްލާމް ދީނާ ނަސާރާ ދީނާ އަޅާ ކިޔަން ފެށީމެވެ.
ނަމަވެސް، އިސްލާމް ދީނާ ބެހޭ ގޮތުން މައުލޫމާތު ހޯދަމުން ދިޔަވަރަކަށް އަހަރެންގެ ހިތުގައި އިސްލާމް ދީނަށް ދިޔައީ ލޯބި އުފެދެމުންނެވެ. ޣައިރު މުސްލިމުންގެ ފޮތްތަކުގައި އިސްލާމް ދީނާ ދެކޮޅަށް ބުނެފައިވާ ކޮންމެ ބަހަކަށް އިސްލާމީ ފޮތްތަކުން ފުރިހަމަ ރައްދެއް ދީފައިވެ އެވެ. ނަސާރާ ދީނުން ނޭނގޭ އެތައް ކަމެއް އިސްލާމް ދީނުން އަހަރެންނަށް އެނގިގެން ދިޔަ އެވެ. ހަގީގަތުގައި ވެސް ދިރިއުޅެންވީ އެންމެ ރަނގަޅު ގޮތް އަންގައި ދެނީ އިސްލާމް ދީނުން ކަން ވިސްނުނެވެ.
އިސްލާމް ދީނާ ދެކޮޅަށް އެހާވަރަށް ވާހަކަ ދެއްކުމަށް ފަހު އިސްލާމް ދީން ގަބޫލު ކުރަން ފުރަތަމަ ލަދުގަތެވެ. ނަމަވެސް، ތެދު މަގަށް ފުރަގަސް ދޭނީ ކިހިނެއް ހެއްޔެވެ؟ ފާފާއިގެ މަތީ ދެމިހުންނާނީ ކިހިނެއް ހެއްޔެވެ؟ ޖަވާބަކީ އެއީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، ޝަހާދަތުގެ ދެކަލިމަ ކިޔައި އަހަރެން އިސްލާމްވީމެވެ. އަދި އަހަރެންގެ އަގީދާ ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ވަރުގަދަ ވަމުންނެވެ. އިސްލާމް ދީނަށް އަހަރެން ކުރާ ގަދަރު ދަނީ އިތުރުވަމުންނެވެ. އަދި އެފަދައިން ކުރިއަށް ދިއުމަށް އަހަރެން އުއްމީދު ކުރަމެވެ.