19 May 2011, 15:44
ޒުވާނުންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރަން ތައުލީމާއި ތަމްރީނާއި ތަރުބިއްޔަތުގެ ފުރުސަތުތައް ސަރުކާރުން ހޯދައިދޭން ޖެހިފައިވާ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، "މޯލްޑިވްސް ޕޮލީޓެކްނިކް: ވޭ ފޯވާޑް" ގެނަމުގައި އިންތިޒާމްކުރި ބައްދަލުވުން ހުޅުއްވައިދެއްވުމުގެ ޖަލްސާގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ބަނޑޮސް ރިޒޯޓްގައި އޮތް އެ ޖަލްސާގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ މުޖްތަމައަށް ފައިދާހުރި ބައެއްގެ ގޮތުގައި ޒުވާނުން ނެރުން މުހިންމު ކަމަށެވެ. އަދި މޯލްޑިވްސް ޕޮލީޓެކްނިކް އުފެއްދީ އެ މަގްސަދު ހާސިލުކޮށްދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ގައުމުގެ ތަރައްގީ ދެމެހެއްޓުމަށާއި ސުލްހަ މަސަލަސްކަން ގާއިމުކުރުމުގަ އާއި މާރާމާރީ އާއި، ގޭންގް ކުށްތަކާއި، މުޖްތަމައުގައި ޒުވާނުން ބާކީވެފައި ތިބުމުގެ މައްސަލަތައް ހައްލުކުރުމުގަ އާއި ތައުލީމީ މުއައްސަސާތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ވެވެން އޮތް ހުރިހާ އެހީއެއް ދޭނެ ކަމުގައި ނައިބް ރައީސް ވިދާޅުވި އެވެ.