ފެރިހުން:އަހްމަދު މުޖްތަބާ

ޔޫރޯ 2016 ފުޓްބޯޅަ މުބާރާތާ ގުޅުވައިގެން ކޮކާކޯލާ ކުންފުނިން ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮމޯޝަންގެ ނަސީބުވެރީންގެ ތެރޭން ޕެރިސް ދަތުރު ލިބުނު ނަސީބުވެރީން، އައިފެލް ޓަވަރުގެ އެންމެ މަތީން ޕެރިސް ބަލާލައިފިއެވެ.

އުސްމިނުގައި 324 މީޓަރު (1063 ފޫޓް) ހުންނަ، ފްރާންސްގެ މަޝްހޫރު ތާރީޚީ ބިނާއަށް އާދީއްތަ ދުވަހު މެންދުރު ފަހު ކޮކާކޯލާގެ ނަސީބުވެރީން، އަރަމުން ދިޔައިރު އެންމެންގެ މޫނުމަތިން ވެސް ފެނުނީ ހައިރާންކަމާއި އުފާވެރިކަމުގެ އިހްސާންތަކެވެ.

"މިދެން ހަމަ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވުން. ބުނާނެ އެއްޗެއްވެސް ނޭނގުނު. ވަރަށް އުފާވެއްޖެ،" ކޮކާކޯލާ ޔޫރޯ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާ، އާމިނަތު ރަޝާ އޭނާގެ އިހްސާސްތައް ސަންއާ ހިއްސާކޮށްލިއެވެ.

ޓަވަރަށް ޒިޔާރަތްކުރާ މީހުންނަށް ހާއްސަކޮށް ތިން ލެވެލް އަކަށް ހަދާފައިވާ އެ ހިތްގައިމު ބިނާގެ ތިން ލެވެލްގައިވެސް މި ނަސީބުވެރީން ވަނީ ފޮޓޯނަގައި، ޕެރިހުގެ އާދަޔާޚިލާފު ރީތި މަންޒަރުތައް ބަލާލައިފައެވެ.

އައިފެލް ޓަވަރުގެ އެންމެ މަތީން ޕެރިސް ފެންނަ ގޮތް -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ގްރޫޕްގައި ހިމެނޭ ހުރިހާ މެންބަރުންވެސް ބުނީ، "މިއީ ހަމަ އުމުރުން އެއްފަހަރު ނަމަވެސް މަދުން ނޫނީ ނުލިބޭނެ ކަހަލަ ފުރުސަތެއް،" ކަމަށާއި ކޮކާކޯލާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށެވެ.

ކޮކާ ކޯލާގެ ޖެނެރަލް މެނޭޖަރު މިލިންދް ދެރާސަރީއާއި، އެކުންފުނީގެ އިތުރު މުވައްޒަފަކާއި، އަދި މީޑިއާގެ ތިން ފަރާތަކާއި އަދި ޕްރޮމޯޝަންގެ ނަސީބުވެރީންގެ 12 ފަރާތެއް ހިމެނޭގޮތަށް ޖުމުލަ 17 މެންބަރުންގެ އެ ޓީމުން ވަނީ، ޕެރިހާއި، އަދި ލަ ދެފޯންސްގައި ހުރި ފްރާންސްގެ ތާރީޚާ ގުޅޭ ދުވަސްވީ ގިނަ ތަންތަން ބަލާލައިފައެވެ.

ކޮކާކޯލާ ޔޫރޯ 2016 ޕްރޮމޯޝަންގެ ނަސީބުވެރީން، ނަސީބުވެރީން ޕެރިހުގެ އައިފަލް ޓަވަރުގެ ކައިރީގައި ފޮޓޯއަކަށް ހުއްޓިގެން -- ސަން ފޮޓޯ: ޠަލްޙަތު މޫސާ

އެގޮތުން އެ ނަސީބުވެރީން ހޮނިހިރު ދުވަހު ޒިޔާރާތްކުރި މުހިއްމު ތަންތަނުގެ ތެރޭގައި، އާކް އޮފް ލަ ދެފޯންސް، އާރކް އޮފް ޓްރައިމްފް، ޝޯންޒް އެލިޒޭ، ގްރޯޑް ފަލެއި، ޕެޗިފަލެއި، އިންވަލިޑޭސް، ކޮންކޯރޑް ސްކުއަރ، ޗަރޗް އޮފް މެގްޑެލީނާ، އޮޕޭރާ އޮފް ޕެރިސް، އެވެނިއު އޮފް އޮޕޭރާ، ލުވްރު، ޕޯރް ދޭޒް އާރ، ފޮން ދޭޒް އާރ، ޗާޗް އޮފް ކެތިދެރަލް ނޮތްރެދަން ފަދަ ތާރީޚީ ތަންތަން ހިމެނެއެވެ. އަދި މީގެ އިތުރުން، މިފަހަރުގެ ޔޫރޯގެ ގަދަ 16ގައި ހޮނިހިރު ދުވަހު ނޮދަން އަޔަލޭންޑާއި ވޭސް ކުޅުނު މެޗު ބަލައިލުމަށް އެ ނަސީބުވެރީން ވަނީ ޕެރިހުގެ ޕާކް ދެސް ޕްރިންސަސްއަށް ގޮސްފައެވެ.

"ކޮކާކޯލާގެ ފަރާތުން މި ދަތުރުގެ އިންތިޒާމް ތައްވެސް ހަމަޖައްސާފައި ވަނީ ވަރަށް ފުރިހަމައަށް،" އެންމެ ފަހު ހަފްތާގެ ނަސީބުވެރިޔާ އަބްދުﷲ ވަހީދު ބުންޏެވެ.

ކޮކާކޯލާ ޔޫރޯ 2016 ޕްރޮމޯޝަންގެ ނަސީބުވެރީން، ނަސީބުވެރީން ޕެރިހުގެ ޕާކް ދެސް ޕްރިންސަސްގައި ނޯދަން އަޔަލޭންޑާއި ވޭލްސް ބައްދަލުކުރި މެޗު ބަލައިލަނީ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ކޮކާކޯލާގެ ޖެނެރަލް މެނޭޖަރު މިލިންދް ދެރާސަރީ ވިދާޅުވީ، ދަތުރުގެ ބައިވެރީންގެ ފަރާތުން މިހާތަނަށް ލިބުނު ފުރިހަމަ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށާއި، އަދި ކުރިއަށް އޮތްތަނުގައި ވެސް ކޮކާކޯލާގެ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް މިފަދަ ޕްރޮމޯޝަންތައް ކުރިއަށް ގެންދާނޭ ކަމަށެވެ.

ދިވެހިންގެ ހާއްސަ މުނާސަބަތުތަކާއި އަދި ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތަކުގައި ވެސް ކޮކާކޯލާ ކުންފުނިން އަބަދުވެސް ބައިވެރިއެވެ. އެގޮތުން ވޭތުވެ ދިޔަ 25 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކޮކާކޯލާ އިން ވަނީ ރާއްޖޭގައި ތަފާތު ހަރާކާތްތައް ހިންގައި، އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން އެކިފަރާތްތަކަށް ތަފާތު އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޔޫރޯއާ ގުޅިގެން ކޮކާކޯލާ އިން ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮމޯޝަންތަކުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.