27 Jun 2016, 02:15
ފްރާންސްގައި ކުރިއަށްދާ ޔޫރޯގެ ދެ ވަނަ ބުރުގައި މޮޅު ކުޅުމަކާއެކު ހަންގޭރީގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދައި، ބެލްޖިއަމުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.
ޓޫލޫސްގެ ސްޓޭޑިއަމް މުނިސިޕަލްގައި މިރޭ ކުޅުނު ދެ ވަނަ ބުރުގެ މެޗުގައި ހަންގޭރީގެ މައްޗަށް ބެލްޖިއަމުން ކުރި ހޯދާފައިވަނީ ފަސޭހަކަމާއެކު 4-0 ލަނޑުގެ ނަތީޖާއަކުންނެވެ. މިއީ މިހާތަނަށް މި ފަހަރުގެ ޔޫރޯގައި ފެނިގެންދިޔަ އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.

މިޗީ ބަޓްޝުއާޔީ ކާމިޔާބުކޮށްދިން ލަނޑަށްފަހު، ބެލްޖިއަމްގެ ކުޅުންތެރިން އުފާފާޅުކުރަނީ: ޔޫރޯގެ ދެވަނަ ބުރުގައި ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗުން ބެލްޖިއަމް މޮޅުވީ 4-0 ލަނޑުން --- ފޮޓޯ: އޭޕީ
މެޗު ފެށިތާ ދިހަ މިނެޓްތެރޭ ބެލްޖިއަމުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ބެލްޖިއަމަށް ލިބުނު ހިލޭ ޖެހުމަކުން ކެވިން ޑިބްރޭނާ ނަގައިދިން ހުރަހުން އެ ޓީމަށް ލީޑު ހޯދައި ދިނީ ޑިފެންޑަރު ޓޮބީ އަލްޑަވަރާލްޑެވެ. އޭނާ އެ ލަނޑު ކާމިޔާބު ކުރީ ހަންގޭރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ބޮލުން އުފެއްދި ހަމަލާއަކުންނެވެ.
އޭގެ ފަސް މިނެޓު ފަހުން ބެލްޖިއަމަށް ލީޑު ފުޅާކޮށްލުމަށް ވެސް ފުރުސަތެއް ލިބިގެންދިޔަ އެވެ. ރޮމެލޫ ލުކާކޫ ދިން ބޯޅައަކުން ޑިބްރޭނާ އުފެއްދި ހަމަލާ، ހަންގޭރީގެ ކީޕަރު ގަބޯ ކިރާލީ ވަނީ މަތަކޮށްފަ އެވެ. އޭގެ އިތުރުން ވެސް މެޗުގެ 35 ވަނަ މިނެޓުގައި ވެސް ޑިބްރޭނާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ހިލޭ ޖެހުމަކުން ޑިބްރޭނާ އުފެއްދި އެ ހަމަލާ ވެސް ކީޕަރު ކިރާލީ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 39 ވަނަ މިނެޓުގައި ހަންގޭރީ އަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ގޯގޯ ލޮވްރެންސިކްސް އުފެއްދި އެ ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ބެލްޖިއަމް ކުރީގައި އޮވެގެންނެވެ.

ޔޫރޯގެ ދެވަނަ ބުރުގައި ބެލްޖިއަމާއި ހަންގޭރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 4-0 ލަނޑުން ކާމިޔާބުކުރީ ބެލްޖިއަމް --- ފޮޓޯ: އޭޕީ
މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއް ތެރޭ ބެލްޖިއަމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ހަންގޭރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅައަކުން ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް އުފެއްދި ހަމަލާ، ކީޕަރު ކިރާލީ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 54 ވަނަ މިނެޓުގައި ހަންގޭރީ އަށް ފުރުސަތެއް ލިބިގެންދިޔަ އެވެ. ބަލާޒް ޒުޒާކް ނަގައިދިން ނުރައްކާތެރި ހުރަހަކުން ބެލްޖިއަމްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޑަމް ޒަލާއީ އުފެއްދި ހަމަލާ، ތޯމަސް ވަމާލިން ގައިގައި ޖެހިފައި ވަނީ ކޯނަރަކަށް ބޭރުވެފަ އެވެ. އޭގެ އިތުރުން ވެސް ދެ ވަނަ ހާފުގައި ހަންގޭރީގެ އެޑަމް ޕިންޓާ އާއި ރޮލެންޑް ޖުހާޒަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ބެލްޖިއަމުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ހަޒާޑް ދިން ރީތި ބޯޅައަކުން ބެލްޖިއަމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުތް މިޗީ ބަޓްޝުއާޔީ އެވެ. އޭނާ އެ ލަނޑު ކާމިޔާބު ކުރީ ކުޅެން ނުކުތްތާ މިނެޓެއް ނުވަނީހެވެ.

ޔޫރޯގެ ދެވަނަ ބުރުގައި ބެލްޖިއަމާއި ހަންގޭރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 4-0 ލަނޑުން ކާމިޔާބުކުރީ ބެލްޖިއަމް --- ފޮޓޯ: އޭޕީ
އޭގެ މިނެޓެއް ފަހުން ބެލްޖިއަމުން ވަނީ ލަނޑެއް ޖަހައި ތިން ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. އެ ލަނޑު ބެލްޖިއަމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ހަޒާޑެވެ. ހަންގޭރީގެ ދެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހު ޕެނަލްޓީ އޭރިޔާ ބޭރުން ހަޒާޑް އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
ބަލްޖިއަމްގެ ހަތަރު ވަނަ ލަނޑު ފެނިގެން ދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ރާޑިއާ ނައިގޯލާން ދިން ބޯޅައަކުން ބެލްޖިއަމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ފެނިގެންދިޔަ ޔެނިކް ފްރޭރާ ކަރެސްކޯސާ އެވެ.
ކުއާޓާގައި މި ފެށޭ މަހުގެ އެއް ވަނަ ދުވަހު ބެލްޖިއަމް ނުކުންނަން ޖެހޭނީ ވޭލްސްއާ ދެކޮޅަށެވެ.