27 Jun 2016, 09:58
ގަޑި ކުޑަތަންވެފައިވަނިކޮށް އޮފީހަށް އައިސް ސައިކަލް ޕާކް ކުރަންބެލި އިރު ޕާކިން ޒޯން "ހިފައިގެން" ތިބީ ކަންމަތީ ހުރި ފިހާރައިގައި މަސައްކަތްކުރާ ބިދޭސީންނެވެ. އެ މީހުން ދިޔައީ ފޯރީގައި ތަރުކާރީ ސާފު ކުރަމުންނެވެ. ދެން ހުރި ޒޯން ވަނީ ޖެހިގެން ހުރި ފިހާރައިގެ "ގުދަނަށް" ހަދައިފަ އެވެ. ދެން ދުއްވާލާފައި ބަލާލި އިރު އަނެއް ޒޯންގައި ގެއަށް ވަންނަ ފާލަމެއް ގޮތަށް އެއޮތީ "ޕެލެޓް" ފިލައެއް ބާއްވައިފަ އެވެ. އައިރުޅިން ޖެހުނުތަނެއްގައި ސައިކަލް ބަހައްޓާފައި އޮފީހަށް ވަނީމެވެ. ނުކުތް އިއު އެ އޮތީ ސުޓިކާ ޖަހައިފަ އެވެ.
މިއީ އެންމެ މީހަކަށް ނުވަތަ ދެމީހަކަށް ދިމާވާ މައްސަލައެއް ނޫނެވެ. ރަށަށް ނުކަތާވަރަށް އުޅަނދު ގިނަވެފައިވާ މާލޭގެ ޕާކިން ޒޯންތައް މަދުއިރު، މިހާރު ހުރި ޒޯންތައް ވެސް މި ވަނީ ބޭނުން ކުރަން ދަތިވެފަ އެވެ. އެތައް ބަޔަކު ނާޖާއިޒު ފައިދާ ނެގުމަށް އަމަލުތައް ބަހައްޓާ ގޮތުން ހިނގާ މީހުންނަށާއި އުޅަނދުތަކަށް މި ވަނީ ޖާގަ ނުލިބި އެވެ.

ފިހާރައެއްގެ ދޮރުމަތީތިބި ބަޔަކު ތަރުކާރީތަކެއް ސާފް ކުރަނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
"ސަރުކާރު އޮފީހެއް ކައިރިއަށް ގޮސް ބަލާއިރު ޒޯންތައް ފުރިފައި، ގެއަށް އަރަން ބަލާއިރު މުދާ ބަހައްޓާފައި، ދެން ނުގަވައިދުން ބަހައްޓައިފިއްޔާ އަހަރުން މިޖޫރިމަނާ ކުރަނީ، ނޫނީ ސައިކަލް ޓޯ ކުރަނީ،" ދަތިތައް ހިއްސާ ކުރަމުން އަހުމަދު ޖުމާން ބުންޏެވެ.
ވެރިރަށް މާލޭގައި ހިންގާ ފިހާރަތަކަށް ބަލާއިރު އެތަނުން ވިއްކަން ގެންނަ ފިޔާ، ބިސް ނުވަތަ ތަރުކާރީ ފަދަ ތަކެތި ސާފު ކުރުމަށް މަގުމަތި ބޭނުންކުރެ އެވެ. އެކަމުގެ ސަބަބުން ހިނގާ މީހުންނާއި ދުއްވާތަކެއްޗަށް އެތައް ދައްޗެއް ކުރިމަތިވެ އެވެ. ގިނަ ފަހަރަށް ޕާކިން ޒޯންތައް ނުވަތަ މަގު ހުރަސްތަކަކީ މުދާ ބަހައްޓާ ނުވަތަ މުދާ ސާފުކުރާ ފެކްޓްރީތަކެވެ. ނަތީޖާ އަކީ ހިނގާ މީހުންނަށް ނުވަތަ ދުއްވާތަކެއްޗަށް އެތަނުން ތަން ނުލިބުމެވެ.

ކޮންމެ ގެއެއްގެ ދޮރުމަތީގައިހެން "ޕެލެޓް" ފިލާ އަތުރާފައި ހުންނަ އިރު އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކަކާ ކުރިމަތިވެ އެވެ. އެގޮތުން ވެހިކަލްތައް ޕާކް ކުރުމަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފަ އެވެ. ގިނަ ޕާކިން ޒޯންތަކެއްގެ މަތީގައި އެފަދަ ޕަލެޓް ފިލާތައް އެތުރުމުގެ ސަބަބުން މަގުތައް ފުރުމުގެ އިތުރުން ގިނަ މަގުތަކުގައި ޕާކް ކުރާނެ ތަނެއް ނޯވެ އެވެ. ދެ ތިން ސައިކަލް ޕާކް ކުރެވޭހާ ޖާގަ އެއިގެން ކޮންމެ ފިލައެއްގެ ސަބަބުން ގެއްލެ އެވެ. އަދި އެފަދަ ފިލާތަކުގެ ސަބަބުން ހިނގާ ފަރާތްތަކަށް ވެސް ގިނަ އުނދަގޫތަކަކާއި ކުރިމަތިލާންޖެހެ އެވެ.

މަގުމަތީގަޔާއި ޕާކިން ޒޯންތަކުގައި ތިބެ ތަކެތި ސާފު ކުރުން ނުވަތަ ގުދަން ކުރުމަކީ ވެސް މަނާކަންކަމެވެ. ހަމައެއާއެކު މަގުތަކުގައި ޕެލެޓް ފިލާތައް އަތުރާފައި ހުރުމަކީ "ކަނޑައެޅިގެން" މަނާ ކަންކަމެވެ.
އިސްވެ މިފާހަގަކުރި މައްސަލަތަކުގެ ސަބަބުން ޕާކިން ޒޯނަށް ޖެހިފައިވާ މި މާލޭގެ ޕާކިން ޒޯންތަކުން އެތައް ޖާގައެއް އަނެއްކާ ވެސް އެ ވަނީ ނުލިބެ އެވެ. ނަތީޖާއެއްގެ ގޮތުން ވެހިކަލްތައް މިޖެހެނީ ޒޯނުން ބޭރުގައި ޕާކް ކުރާށެވެ. އޭގެ ނަތީޖާއަކީ 250 ރުފިޔާއާއި 750 ރުފިޔާއާއި ދޭތެރޭ އަދަދަކުން ވެހިކަލްތައް ޖޫރިމަނާ ކުރުމެވެ. ޕާކްކުރާނެ ތަނެއް ނުދައްކަ އެވެ. ހުރި ތަންތަން ވެސް ބޭނުން ކުރެވޭވަރެއް ނޫނެވެ. ދެން މި ކުރަނީ ޖޫރިމަނާ އެވެ. އެކަމު މިއީ އިންސާފެއް ނޫނެއްނޫންތޯ އެވެ؟

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގައި ދުއްވާ އެއްގަމު އިންޖީނުލީ އުޅަނދު ޕާކް ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓްގައި މަސައްކަތަކެއް ކުރަމުން އަންނަ ކަމަށެވެ. އެފަދަ މައްސަލަތައް ފުލުހުންނަށް ހުށައެޅުމަށް TMD ޖެހުމަށް ފަހު އެ ޝަކުވާއެއް 119 އަށް މެސެޖެއް ފޮނުވުމުން އެކަމެއް ބަލައި އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މާލެ ވަށައިގެން ފަސް ކިލޯ މީޓަރު ހަމަވާއިރު މިހާރު މާލޭގައި 49605 އުނޅަދު ދުއްވަމުންދެ އެވެ. އުޅަނދުތައް މިއެތެރެކުރެވެނީ އަދި ދުއްވެނީ އެ ދައްކަން ޖެހޭ ފީއެއް ސަރުކާރަށް ދައްކައިގެންނެވެ. އެހެންކަމަށްވާއިރު އެތަކެތި ދުއްވޭނެ އިންތިޒާމާއި ޕާކްކުރެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދޭންޖެހެ އެވެ. ޒޯންތައް މަދުއިރު މިހާރު ހުރި ޒޯންތައް ވެސް މިވަނީ ބޭނުން ނުކުރެވޭ ގޮތަށް ވެފަ އެވެ. އެހެންކަމުން މިކަމަށް ހައްލު ގެންނަން ޖެހެ އެވެ.