އަމިއްލަ ގައުމުގައި ކުރިއަށްދާ ޔޫރޯގެ ކުއާޓާ ފައިނަލުގައި ސަސްޕެންޝަނުގެ ސަބަބުން ފްރާންސްގެ ޑިފެންޑަރު އަދިލް ރަމީ އާއި މިޑްފީލްޑަރު އެންގޯލޯ ކަންޓޭ އަށް ނުކުޅެވޭނެ އެވެ.

ޔޫރޯގެ ކުއާޓާ އަށް ފްރާންސް ދަތުރުކޮށްފައި ވަނީ ރިޕަބްލިކް އޮފް އަޔަލެންޑްގެ މައްޗަށް މިރޭ ކުޅުނު ދެވަނަ ބުރުގެ މެޗުގައި ފަހަތުން އަރައި 2-1 ލަނޑުގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މެޗުގެ ދެވަނަ މިނެޓުގައި އަޔަލެންޑަށް ލިބުނު ޕެނަލްޓީއަކުން ރޮބީ ބްރެޑީ އެ ޓީމަށް ލީޑު ހޯދައިދިން ނަމަވެސް، ދެ ވަނަ ހާފުގައި އެންޓޮއިން ގްރީޒްމަންގެ ދެ ލަނޑުން ފްރާންސް ވަނީ މޮޅުވެފަ އެވެ.

މިރޭ ކުޅުނު މެޗުގައި ރަމީ އަދި ކަންޓޭ އަށް ވަނީ ރީނދޫ ކާޑެއް ދައްކައިފަ އެވެ. މުބާރާތުގައި ދެ ރީނދޫ ކާޑު ހަމަވުމުން ކުއާޓާގައި ރަމީ އާއި ކަންޓޭ އަށް ނުކުޅެވޭ އިރު، އެ ދެ ކުޅުންތެރިންނަކީ ފްރާންސްގެ ފުރަތަމަ 11 އިން ޖާގަ ހޯދަމުންދާ ދެ ކުޅުންތެރިންނެވެ.

ކުއާޓާގައި ރަމީގެ ބަދަލުގައި ފްރާންސްގެ ޑިފެންސް ލައިނުގައި ޑިޑިއާ ޑިޝޯމްޕްސް ބޭނުންކުރަން ޖެހޭނީ ލިޔޯންގެ ސަމުއެލް އަމްޓިޓީ ނުވަތަ އެލީކީމް މަންގާލާ އެވެ. މިޑްފީލްޑް ލައިނުގައި ކަންޓޭގެ ބަދަލުގައި ބޭނުންކުރުން އެންމެ ގާތީ ނިއުކާސަލް ޔުނައިޓެޑްގެ މޫސާ ސިސޯކޯ ނުވަތަ ކްރިސްޓަލް ޕެލަސްގެ ޔޯހަން ކަބާޔޭ އެވެ.

ކުއާޓާގައި ފްރާންސް ނުކުންނަން ޖެހޭނީ މާދަމާ ރޭ އިންގްލެންޑާއި އައިސްލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.