ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ފަސޭހަ ކަމާއި އެކު ސޮލަވާކިއާ 0-3ގެ ނަތީޖާ އަކުން ބަލިކޮށް ޖަރުމަނު ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޖަރުމަނުން މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިރު އަށް ވަނަ މިނެޓްގައި ޖްރޯމް ބޯޓިން ގޯލުން އެޓީމަށް ލީޑް ލިބިފައެވެ.

ޖަރުމަނުން ގޯލް ކާމިޔާބް ކުރިތާ މާގިނައިރުތަކެއް ނުވެ ލީޑް ފުޅާ ކުރުމަށް އެ ޓީމަށް ވަނީ ޕެނަލްޓީ އެއް ލިބިފައެވެ. ނަމަވެސް މެސިތު އޮޒްލި ފޮނުވާލި ޕެނަލްޓީ ސޮލަވާކިއާގެ ކީޕަރު މެޓްސް ކޮޒަކިކް ވަނީ ހުށިޔާރު ކަމާއި އެކު ދިފާއު ކޮށްފައެވެ.

ޖަރުމަނުގެ ދެވަނަ ގޯލު ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ހޫލިއަން ޑްރެކްސާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބް ކޮށްދިނީ މާރިއޯ ގޯމޭޒް އެވެ.

ސްލޮވާކިއާއަށް ގޯލްޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ، އެޓީމުގެ މިޑްފިލްޑަރު ކުޗްކާއަށެވެ. ނަމަވެސް ޖާމަނީގެ ޕެނަލްޓީއޭރިއާގެ ތެރޭ ހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ، މެނުއަލް ނޯޔާ ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފްގައި ވެސް ޖަރުމަނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު އެ ޓީމްގެ ތިން ވަނަ ގޯލު މެޗުގެ 63 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ޑްރެކްސާ އެވެ.

މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަނު ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާ އިރު އެ ޓީމް ދެވަނަ ބުރަށް ދަތުރު ކޮށްފައިވަނީ ބައިކޮޅަށް ގޯލެއް ނުވަދެ ކަން ފާހަގަކޮށްލެވެއެވެ. އެއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރެކޯޑެކެވެ.

ކުއާޓާ ފައިނަލްގައި ޖަރުމަން ބައްދަލު ކުރަން ޖެހޭނީ މާދަމާ ރޭ 9:00 ޖަހާ އިރު އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންއާ އިޓަލީ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.