27 Jun 2016, 00:04
"އެސްޓީއޯ ލ. ކުނަހަންދޫ ރަންތަރި ގުރްއާން މުބާރާތް"ގެ ނަމުގައި ލ. ކުނަހަންދޫގައި ގުރުއާން މުބާރާތެއް ފަށައިފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށުގައި ފެށި ގުރުއާން މުބާރާތަކީ، އެ ރަށު ކައުންސިލުގެ ނައިބު ރައީސް، ލިރުޣާމް ސައީދު އިންތިޒާމް ކުރައްވައިގެން ބާއްވާ މުބާރާތެކެވެ.
ކުނަހަންދޫ ރައްޔިތުންނަށް އަމާޒުކޮށްގެން ބާއްވާ އެ މުބާރާތުގައި ބައިވެރިން ކިޔަވާ އުމުރުފުރާތަކަކީ ހަ އަހަރުން ދަށް، ނުވަ އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް، 19 އަހަރުން ދަށް، އަދި 19 އަހަރުން މަތީގެ އުމުރު ފުރާ އެވެ.
މިއީ އެ މުބާރާތް ބާއްވާ ފުރަތަމަ ފަހަރު ކަމަށް ވާއިރު، އެ މުބާރާތުގައި 73 ބައިވެރިން ވާދަ ކުރެ އެވެ.
މުބާރާތުގެ ވަނަތަކަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމުގެ އިތުރުން ހެޔޮ އެދޭ އެހެން ފަރާތްތަކުން ބައެއް ހަދިޔާތައް ވަނީ ހުށަހަޅައިފަ އެވެ.
މިއަހަރު އެ މުބާރާތް ކުނަހަންދޫ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް، ކުރިއަށް އޮތް ތަނުގައި ލ. މާވަށު ދާއިރާއަށް ހުޅުވާލައިގެން މުބާރާތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ލިރުޣާމް ވަނީ ވިދާޅުވެފަ އެވެ.