26 Jun 2016, 23:09
ކޮޕާ އެމެރިކާގެ ފައިނަލުގައި އާޖެންޓީނާ އަދި ލިއޮނެލް މެސީގެ މައްޗަށް ކުރި ހޯދި ދާނެ ކަމަށް ޗިލީގެ ކޯޗު ހުއާން އެންޓޯނިއޯ ޕިޒީ ބުނެފި އެވެ.
އާޖެންޓީނާ އަށް އުފަން އުމުރުން 48 އަހަރުގެ ކޯޗު ޕިޒީ، ކޮޕާ އެމެރިކާގެ އެންމެ ފަހުގެ ޗެމްޕިއަން ޗިލީއާ ހަވާލުވެފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭނާގެ އިރުޝާދުގެ ދަށުން އެމެރިކާގައި ކުރިއަށްދާ ކޮޕާ އެމެރިކާގައި ޗިލީން ދަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
"އަހަރެމެންނަށް ކުރިމަތިލާން ޖެހިފައި މިވަނީ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއާ ދެކޮޅަށް. މެސީގެ ރެކޯޑުތައް އެހެން ކުޅުންތެރިޔަކަށް މުގުރާލެވުމަކީ ނާދިރު ކަމެއް. އެކަމަކު ވެސް އަހަރެމެންނަށް އާޖެންޓީނާ ބަލިކުރެވޭނެ،" ޗިލީގެ ކޯޗު ޕިޒީ ބުންޏެވެ.
ގްރޫޕު ސްޓޭޖުގައި މި ދެޓީމު ބައްދަލުކުރި މެޗުގައި 2-1 ލަނޑުން އާޖެންޓީނާ މޮޅުވި ނަމަވެސް، މިދިޔަ އަހަރު ކުޅުނު ކޮޕާ އެމެރިކާގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އާޖެންޓީނާގެ މައްޗަށް ޗިލީން ވަނީ ކުރި ހޯދައިފަ އެވެ.
"މިއީ އަހަރެންގެ ކެރިޔަރުގެ އެންމެ މުހިއްމު މެޗު. އަހަރެމެން މުބާރާތާ ކުރިމަތިލީ ރަނގަޅު ސްކޮޑަކާއެކު. ކުރިއަށް އޮތް މެޗުން ވެސް އަހަރެމެންނަށް މޮޅުވެވިދާނެ ކަމުގެ ޔަގީންކަން އެބައޮތް. އެ މެޗަށް އަހަރެމެން ތައްޔާރު،" ޗިލީގެ ކޯޗު ބުންޏެވެ.
ޕިޒީގެ އިރުޝާދުގެ ދަށުން މުބާރާތުގައި ޗިލީން ހޯދި އެންމެ ބޮޑު ކާމިޔާބަކީ ކުއާޓާ ފައިނަލުގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ނެރުނު ނަތީޖާ އެވެ. އެ މެޗު ފަސޭހަކަމާއެކު 7-0 ލަނޑުން ޗިލީ ވަނީ މޮޅުވެފަ އެވެ.
އާޖެންޓީނާ އާއި ޗިލީ ބައްދަލުކުރާ ކޮޕާ އެމެރިކާގެ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން މިރޭ ފަތިހު 5:00 ގައެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައެވެ.