ރޯމަސް މާރުކޭޓުގެ ޙާލަތު ރަނގަޅުކޮށް އެކަމަށް އެކަށީގެންވާ މާހައުލެއް އަވަހަށް ޤާއިމް ކޮށްދިނުމަށް ޤައުމީ ޕާޓީން ސަރުކާރަށް ގޮވާލައިފި އެވެ.

މާލޭ ރޯމަސް މާރުކޭޓް އިމާރާތް ބާވުމުގެ ސަބަބުން އެ ޢިމާރާތް ބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ނުރައްކާވާ ފަދަ ދަރަޖައަކަށް ގޮސްފައިވާކަން ފާހަގަކޮށް ގައުމީ ޕާޓީން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ، ރޯމަސް ތާޒާ ކަންމަތީގައި ސާފުތާހިރު މާހައުލެއްގައި ބަހައްޓައިގެން ރަށްކާތެރިކަމާ އެކު ރައްޔިތުންނަށް ފޯރުކޮށްދޭނެ ރަނގަޅު ނިޒާމެއް ހަމަޖެއްސުމަކީ ރައްޔިތުންނަށް ލިބިދެން ޖެހޭ އަސާސީ ހިދުމަތެއް ކަމަށެވެ. އަދި އެ މާރުކޭޓުގައި ޖާގައިގެ ދަތިކަން ބޮޑުވުމުގެ ސަބަބުން، ތޮއްޖެހުން އިތުރުވެ މަސްވިއްކާ ފަރާތްތަކާއި މަސް ގަންނަންދާ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހި ސާފުތާހިރު ރައްކާތެރި މާހައުލެއްގައި މަސްގެންގުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

"މާލޭގެ މަސްމާރުކޭޓަކީ މާލެއަށް އަންނަ ފަތުރުވެރިން ޒިޔާރަތްކުރާ ތަނަކަށްވުމުން އެއީ ފަތުރުވެރިންނާ ވެސް ރައްޓެހި މާހައުލަކަށް ވާންޖެހެ އެވެ. މިގޮތުން އެތަނުގެ ސާފުތާހިރުކަމާ، ރައްކައުތެރިކަމާ، ތަނުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތުން ފަތުރުވެރިންގެ ކުރިމަތީގައި ދިވެހިންނަށް އޮންނަ އިތުބާރަށް އަސަރުކުރުވަ އެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.

ގައުމީ ޕާޓީން އެ ފަދަ ގޮތަކަށް ބަޔާން ނެރެފައި ވަނީ، މާލޭ ރޯ މަސްމާރުކޭޓް އިމާރާތް ބާވެ ބައެއް ތަންތަން ގަނޑު ވެއްޓެމުން ދިއުމުގެ ސަބަބުން އެ އިމާރާތުގެ މަތީބައިގައި ހިންގަމުންދާ މާރުކޭޓް ހޮޓަލާއި ފިހާރަތައް ބަންދު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.