27 Jun 2016, 00:50
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބު ވެލެންސިއާ އަތުން ހޯދި މޮޅާއެކު، ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަ ކުރަމުންދާ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އިން ތިން ވަނަ އަށް ޖެހިލައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ވެލެންސިއާގެ މައްޗަށް ޔޫވީ ކުރި ހޯދާފައި ވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާއާއެކު ކުޅުނު ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ލީގުގެ ތިން ވަނަ އަށް ޔޫވީ ޖެހިލި އިރު، ހަ މެޗުން ލިބުނު އަށް ޕޮއިންޓާއެކު ވެލެންސިއާ ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. ދެ ވަނާގައި އޮތް ކްލަބު އީގަލްސް އަށް ވެސް ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ޔޫވީގެ ކުރީގައި އީގަލްސް އޮތީ ގޯލުގެ ތަފާތުންނެވެ. ލީގުގެ އެއް ވަނާގައި އޮތް މާޒިޔާ އަށް ކުޅުނު ފަސް މެޗުން ލިބިފައި ވަނީ 13 ޕޮއިންޓެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބު ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ޔުނައިޓެޑް ވިކްޓަރީން ކާމިޔާބުކުރީ 1-0 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މެޗުގެ 17 ވަނަ މިނެޓުގައި ޔޫވީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އިބްރާހިމް ޝަފްރާޒަށް ލިބުނު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިޔާ އަށް ވަނުމަށް ފަހު، އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.
މެޗުގެ 27 ވަނަ މިނެޓުގައި ވެލެންސިއާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވެލެންސިއާ އަށް ލިބުނު ހިލޭ ޖެހުމަކުން އަންހެލް ކަރެސްކޯސާ މުނޯޒް ނަގައިދިން ހުރަހުން ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ޝާފިއު އަހުމަދު (ޝާފީ) ބޮލުން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ވެސް ވެލެންސިއާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މުހައްމަދު ފުހައިދު އުފެއްދި ހަމަލާ، ޔޫވީގެ ކީޕަރު މަހްމޫދު އަލީ ޔޫސުފް ވަނީ މަތަކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓް ނުވަނީސް ވެލެންސިއާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނަމަވެސް ފުހައިދު އުފެއްދި ހަމަލާ، ޔޫވީގެ ކީޕަރު މަހްމޫދު އަލީ ޔޫސުފް ވަނީ މަތަކޮށްފަ އެވެ.

ވެލެންސިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު، ޔޫވީގެ ކެރިޗް(މ) އުފާފާޅުކުރަނީ: އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާގެ މައްޗަށް ޔޫވީ ކުރި ހޯދީ 1-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް ޔޫވީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ޔޫވީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ފޯވަޑް އަންދްރެޖް ކެރިޗް އެވެ. ކެރިޗް އެ ލަނޑު ކާމިޔާބުކުރީ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ކުރިއަށް ނުތުމުން އޭނާގެ ބޯ މަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
ލީގުގައި މާދަމާ ރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ ރޭ 10:00ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް އެވެ.