ފިތުރު ޢީދާ ދިމާކޮށް ރިލީޒް ކުރުމަށް ތައްޔާރުވެފައިވާ ސަލްމާން ޚާންގެ 'ސުލްތާން' އިންޑިއާގެ ސެންސަރު ބޯޑުން ފާސްކޮށްދީފި އެވެ.

ސެންޓްރަލް ބޯޑް އޮފް ފިލްމް ސަޓިފިކޭޝަން (ސީބީއެފްސީ) އިން ސުލްތާން ފާސްކޮށްދީފައިވާ އިރު، އެ ފިލްމަށް އެއްވެސް ބަދަލެއް ގެންނަން އަންގާފައި ނުވާ ކަމަށް ހަބަރުތައް ބުނެ އެވެ.

އެންމެ މަންޒަރެއް ވެސް އުނި ނުކޮށް އެ ފިލްމު ފާސްކޮށްދީފައި އެ ވަނީ، ޝާހިދު ކަޕޫރު އަދި އާލިއާ ބަޓްގެ 'އުޅްތާ ޕަންޖާބް' ސެންސަރު ބޯޑުގައި ތާށިވެ، އެ ފިލްމަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެންގުމުން، ސެންސަރު ބޯޑަށް ބޮލީވުޑުގެ ވަރަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ފިލްމު ފާސްކޮށްދިނުމުގެ އިތުރުން، ސެންސަރު ބޯޑަށް އެ ފިލްމު ވަރަށް ބޮޑަށް ކަމުދިޔަ ކަމަށްވެ އެވެ.

އަލީ އައްބާސް ޑައިރެކްޓުކޮށް، ޔަޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސް ކޮށްފައިވާ އެ ފިލްމު އަޅުވާނީ އީދު ދުވަހު އެވެ. އެ ފިލްމުގައި ސަލްމާން އާ އެކު ދެން ފެނިގެންދާނީ އަނުޝްކާ ޝަރުމާ އެވެ. ފިލްމުގައި ދެމީހުން ވެސް ކުޅެނީ ރެސްލިން ތަޅާ މީހުންގެ ރޯލެވެ.