ހުޅުލެއާއި މާލެއާއި ދެމެދު އަޅާ ބުރިޖުގެ އެއްވެސް މަޝްވަރާއެއްގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ބުރިޖާއި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ޗައިނާގެ ކުންފުނިތަކަކަށް ދީގެން އަދީބު 136 މިލިއަން ރުފިޔާގެ ކޮމިޝަނެއް ލިބޭ ގޮތަށް އެއްބަސްވިކަމަށް ފެތުރިފައިވާ ވާހަކަތައް ދޮގޮކޮށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބް މިރޭ ވިދާޅުވީ ބުރިޖްގެ އެންމެހާ މަސައްކަތާ ގުޅޭ ގޮތުން ޗައިނާ ސަރުކާރާއި މުއާމަލާތު ކުރީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށާއި އަދީބް އެ މަޝްވަރާތަކުގައި ބައިވެރި ނުވާ ކަމަށެވެ.

"ޗައިނާ ސަރުކާރާއި ކުރެވުނު އެއްވެސް މަޝްވަރާއެއްގައި އަދީބުގެ އެއްވެސް ބައިވެރިވުމެއް ނުވޭ. ބުރިޖް ޕްރޮޖެކްޓަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް ވާތީ، އިތުރު އެއްވެސް މީހަކު މިކަމާއި ނުބައްސަން އެމަނިކުފާނު ބޭނުންފުޅުވީ. އެއީ ވައުދު ފުރިހަކަމަކޮށް ނުދެއްވިދާނެތީ." މުއްތަލިބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބުރިޖު އެޅުމަށް ޝައުގުވެރިކަން ފާޅުކުރި އެއްވެސް ފަރާތަކާ އެކު ދިވެހި ސަރުކާރުން އެމްއޯޔޫ އެއްގައި ސޮއެއް ނުކުރާ ކަމަށެވެ.

މުއަތަލިބް ވިދާޅުވީ އެމަސައްކަތް ހަވާލުކޮށްފައި ވަނީ ފީސިބިލިޓީ ހެދުމާއި ބުރިޖްގެ ޑިޒައިން މަސައްކަތަށް ފަހު، ޗައިނާގައި އާއްމުކޮށް ބިޑަށް ހުޅުވާލައި އެންމެ ދަށް އަގެއް ހުށަހެޅި ފަރާތަށް ކަމަށެވެ. އެކަމުގައި ދިވެހި ސަރުކާރުގެ އެއްވެސް ދައުރެއް ނުވާނެ ކަމަށެވެ.

ބުރިޖު އެޅުމަށް ހަވާލުކޮށްފައި ވަނީ ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހާބާ އިންޖިނިއަރިންއާ އެވެ. ހުޅުލެއާއި މާލެ އާއި ދެމެދު ބްރިޖްއެޅުމަށް ޖުމްލަ 200 މިލިއަން ޑޮލަރު ޚަރަދުވާއިރު ޗައިނާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ވަނީ ނިންމާފަ އެވެ.