މާލޭ ދެކުނު ފަރާތުގައި އަލަށް ހެދި ނެރުމައްޗަށް ދޯންޏެއް އަރައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގީ މިރޭ 8:45 ހާއިރު ކަމަށެވެ. އެ ހާދިސާގައި ދޯނީގެ ކައްޕިއަށް އަނިޔާވެ އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ދޯނީގެ ކައްޕިއަށް ފަރުވާދެމުންދަނީ. އޭނާ އަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް މައުލޫމާތު ލިބިފައި ވަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ކައްޕީގެ އިތުރުން ދެން އެދޯނީގައި ހުރީ ބިދޭސީއެއް ކަމަށާއި އޭނާ އަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ނެރުމައްޗަށް އެއީ "ފާޒް" ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯންޏާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މެރިން ޕޮލިސް އާއި ސިފައިން ގުޅިގެން އެ ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.