ފަހުދިހައިގެ އުމުރާއަށް ގޮސް އުޅުނު ދިވެއްސަކު މިއަދުގެ އަސުރު ނަމާދަށް ހުއްޓައި ނިޔާވެއްޖެ އެވެ.

އަސްކޮއެ ހައްޖު އެންޑް އުމުރާގެ ހަވާލުގައި އުމުރާއަށް ގޮސް އުޅެނިކޮށް ނިޔާވެފައި ވަނީ ހ.ފެހިބިން، 60 އަހަރުގެ ހުސެއިން އިބްރާހިމެވެ.

ސައުދީގައި ހުރި އަސްކޮއެ ގުރޫޕުގެ އޮފިޝަލެއް ކަމަށްވާ އަބްދުﷲ ހަލީމް "ސަން"އަށް މިރޭ ވިދާޅުވީ މީގެ ދެ ގަޑިއިރެއްހާއިރު ކުރިން ހުސެއިން އިބްރާހިމް ނިޔާވީ އޭނާ ހުންނަ ހޮޓަލުގެ ކޮޓަރީގައި އަސުރު ނަމާދަށް ހުއްޓާ ކަމަށެވެ.

"ކޮޓަރީގައި އަސުރު ނަމާދަށް ހުއްޓައި މަރުވެގެން ވެއްޓުނީ،" އަބްދުﷲ ވިދާޅުވި އެވެ.

ނިޔާވި ހުސައިން އަކީ އުމުރާއަށް ދިޔައިރު ވެސް ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުންގެންދިޔަ މީހެކެވެ. އޭނާ އުމުރާއަށް ދިޔައީ އަންހެނުންނާއި ފިރިހެން ދަރިޔަކާއެކު އެވެ.

ކަށު ނަމާދު ފަތިސް ނަމާދަށްފަހު ހަރަމްފުޅުގައި ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޖަމާއަތުން ބުނެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ވެސް ވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެފައެވެ. އެ ދުވަހު ނިޔާވީ ގއ. ދެއްވަދޫ ސޯސަންގޭ އުމުރުން 82 އަހަރުގެ މަރިޔަމް ހަސަން އެވެ.