މި ރޯދަ މަހުގެ ކޮންމެ ދުވަހަކު ހުޅުމާލެ އިން ފެންނަ މަންޒަރެކެވެ. ހަވީރު 5:45 އެހާކަށް ހާއިރު ހުޅުމާލޭގައި ހުންނަ މަސްޖިދު އަޒީޒާ މޫސާ ކައިރިއަށް ޕިކަޕެއް އައިސް މަޑުކޮށްލަ އެވެ. ޕިކަޕު މަޑުކޮށްލުމާ، މީހުންތައް އަންނަ ދިމާއެއްވެސް ނޭނގެ އެވެ. ދެތިން މިނެޓު ތެރޭގައި މުޅިތަން އޮންނަނީ ފުރިފަ އެވެ.

ޕިކަޕުގެ ފަހަތުގައި އެތައް ބަޔަކު އައިސް ކިޔޫ ހަދައިގެން މި ތިބޭ އިރު ގިިނައީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނެވެ. މަދުން ނަމަވެސް ދިވެހިން ވެސް ފެނެ އެވެ. ކޮންމެ ދުވަހަކު އެ ހުރިހާ އެންމެންގެ ޕިކަޕަކަށް އިންތިޒާރު ކުރަނީ ކީއްވެ ކަން އެނގޭ ހެއްޔެވެ؟ އެއީ އާދައިގެ ޕިކަޕެއް ނޫނެވެ. އެއީ "ޞަދަޤާތު ޕިކަޕު" އެވެ.

ކޮންމެ ދުވަހަކު ރޯދަ ވީއްލަން ކައިރިވުމުން، އެ ޕިކަޕު މިސްކިތް ކައިރިއަށް އަންނަނީ ޞަދަގާތް ކުރުމަށެވެ. ކޮންމެ ދުވަހަކު ވެސް އެ ގަޑީގައި ޕިކަޕު މަގުމައްޗަށް މަޑުކޮށް، ބަތް ޕާރުސަލުތަކެއް ބަހަ އެވެ.

މި ރޯދަ މަހު މަގުމަތީގައި ބަހަން ފެށި ޞަދަގާތުގެ ސަބަބުން ގިނަ އަދަދެއްގެ ބިދޭސީންގެ މޫނު މައްޗަށް ވަނީ ހިނިތުންވުމެއް ގެނެސްދީފަ އެވެ. ރޯދަ ވީއްލުމަށް ރަނގަޅު ކާއެއްޗެއް ކޮންމެ ދުވަހަކުވެސް ކިޔޫ އަށް އަރާ މީހުންނަށް ލިބެ އެވެ. އަދި މިހާރު ހަވީރު ފަސް ގަޑި ބައި ވާއިރު ގިނަ އަދަދެއްގެ ބިދޭސީން، މަގު މަތީގައި އެ ޕިކަޕުގެ އިންތިޒާރުގައި ތިބޭ މަންޒަރު ފެނެ އެވެ.

ޕިކަޕުން ބަތް ޕާރުސަލް ބަހަނީ ވަރަށް އިންސާފުވެރި ކަމާއެކު އެވެ. ކޮންމެ ދުވަހަކު ވެސް ދެ ކިޔޫ ހަދަން އަންގަ އެވެ. އަދި ޕާރުސަލް ބަހަނީ ކިޔޫ ތަރުތީބުންނެވެ. ކިޔޫ ފަޅާލައިފައި މީހަކު ވަންނަ ނަމަ، ކިޔޫގެ އެންމެ ފަހަތަށް ފޮނުވާލަ އެވެ. އަދި ޞަދަޤާތް ބަހަނީވެސް މީހަކަށް ޕާރުސަލެއްގެ ރޭޓުންނެވެ.

ބައެއްފަހަރު ކިޔޫގައި ތިބޭ އިރު އެކަކު އަނެކަކު ކޮށްޕައި ހެދި ނަމަވެސް، ކިޔޫގައި ހަމަނުޖެހުން ހިންގުން ފަދަ އެއްވެސް މަންޒަރެއް ނުފެނެ އެވެ. ކޮންމެ މީހަކު ވެސް ކެތްތެރިކަމާ އެކު މަޑުކޮށްގެން ތިބެނީ ޕާރުސަލް އާ ހަމައަށް ދެވޭނެ އިރަކަށެވެ. ޕާރުސަލް ލިބުމުން ކޮންމެ މީހަކުވެސް އެނބުރި ދަނީ ހިނިތުންވުމަކާ އެކީ އެވެ.

ފުރަތަމަ ދުވަހާ އަޅާބަލާއިރު މިހާރު ކިޔޫ އަށް އަރާ މީހުންގެ އަދަދުވެސް ބޮޑުތަން ވަނީ އިތުރުވެފަ އެވެ. އެހެންކަމުން ބައެއް ދުވަސް ދުވަހު ކިޔޫ އަށް އަރާ އެންމެނަށް ޕާރުސަލް ނުލިބި ހުސް އަތާވެސް ދާން ޖެހެ އެވެ.

އެކި ދުވަހު އެކި ޕިކަޕު އައި ނަމަވެސް، އެ ޞަދަޤާތަކީ އަމިއްލަ މީހެއްގެ ހެޔޮ އެދުންތަކެވެ. ޞަދަޤާތް ދޭއިރުގައި ވަންހަނާކުރުމަކީ ޞަދަޤާތް ދޭ މީހާ ދެއްކުންތެރި ކަމުން ދުރުކޮށްދޭ ކަމެކެވެ. އަދި ޞަދަޤާތް ދޭ މީހާގެ ނިޔަތް އިޙްލާސްތެރި ކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ. އެހެން ކަމުން ޞަދަޤާތް ބަހާ ފަރާތުގެ މައުލޫމާތު ހާމަކުރާކަށް ބޭނުންމެއް ނޫނެވެ. އެ ފަރާތުންވެސް ޞަދަޤާތް ބަހަނީ އެއީ ކާކު ދޭ އެއްޗެއްކަން ނާނގަ އެވެ.

ހަމަ ގައިމުވެސް ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެވެ. މި މަހު ވީހާވެސް ގިނަ ހެޔޮކަންތައް ކުރުމަށް ސަމާލުވާން ޖެހެ އެވެ.

ރަމަޟާން މަހަކީ ޞަދަޤާތުގެ ވެސް މަހެކެވެ. އެހެނިހެން މަސްމަހަށްވުރެ މިމަހު ޞަދަޤާތް ކުރުން އިތުރުކޮށް، ނިކަމެތި ފަގީރުންނާއި ޔަތީމުންނާއި މިސްކީނުންނަށް، ތިމާގެ ކުޅަދާނަކަން ހުރި މިންވަރަކުން ޞަދަޤާތް ކުރުމަކީ މުހިންމު ކަމެކެވެ. އެއީ ސަވާބު އިތުުރުވާ ކަމެކެވެ. މި އުންމަތުގެ މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވެ އެވެ.

"ރޯދަވެރިޔާއަށް ރޯދަ ވީއްލުމަށް ކާން ނުވަތަ ބޯން ދޭ މީހާ އަށް އެ ރޯދަ ވެރިޔާއަށް ލިބޭ ހުރިހާ ސަވާބެއް އެމީހާއަށް އެއްވެސް ތަފާތު ވުމެއް ނެތި ލިބޭނެ އެވެ،"

މުއްސަނދިންގެ މުދަލުގައި ނިކަމެތިންގެ ޙައްޤެއްވެ އެވެ. ތިމާގެ މުދަލުން ﷲގެ މަގުގައި ހޭދަކުރުމަަކީ މުދަލުގައި ބަރަކާތް ލައްވައި ތަނަވަސްކަން އިތުރު ކުރައްވާ ކަމެކެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އެމީހަކަށް ލިބޭ މިންވަރަކުން، ޞަދަޤާތް ކޮށް، މި ކުޑަ ކުޑަ އިސްލާމީ މުޖުތަމައުގެ އަޚުވަންތަކަށް ދެމެހެއްޓުމަށް މަސައްކަތް ކުރަމާ ހިނގާށެވެ.