އަލްޖަޒީރާގެ ސެން ވޮން ޔޫން ލިޔެފައިވާ ރިޕޯޓްގެ ތަރުޖަމާ: މުހައްމަދު ނަސީމު

ނަވާރަސަތޭކަ ހަތްދިހަ ހަތަރު ވަނަ އަހަރުގެ ފަހުން އިސްރާއީލް ސިފައިންނާ އާއްމުންނާ ދެމެދު އެންމެ ބޮޑު ހަމަނުޖެހުމެއް ހިނގި އެއްދުވަހަކީ މި ހަފްތާގެ އާދީއްތަ ދުވަހެވެ.

އެދުވަހު ސޫރިޔާ އާއި ލުބުނާނުގެ އެތައް ހާސް އާއްމުންނެއް އިސްރާއީލާއި ލުބުނާނު ގުޅޭ ސަރަހައްދީ ރޮނގަށް ދިޔައީ ފަލަސްތީން މީހުން ފާހަގަކުރަމުންދާ ނަކްބާ ދުވަސް( މުސީބާތުގެ ދުވަސް) ފާހަގަކުރުމުގެ ގޮތުން ބޭއްވި ހިނގާލުމަކަށެވެ. އެއީ ( މޭމަހުގެ 15 ވަނަ ދުވަހަކީ) 1948 ވަނަ އަހަރު އިސްރާއީލް އުފެއްދި ދުވަހެވެ.

ސޫރިޔާއާއި ލުބުނާނުގެ އިތުރުން އެ ދެގައުމުގައި އުޅޭ ފަލަސްތީން މީހުން ބައިވެރިވެގެން ބޭއްވި ސުލްހަވެރި އެ ހިނގާލުން އިސާހިތަކު ލޭއޮހޮރުވުމަކަށް ބަދަލުވެ އިސްރާއީލްގެ ބަޑީގެ ހަމަލާތަކުގައި 14 މީހުން މަރުވި އެވެ.

ސަރަހައްދީ ރޮނގު ހުރަސްކޮށް އިސްރާއީލުން ދިން މިއުދުވާނީ ހަމަލާތަކަށް އިސްރާއީލުން ދައްކަމުންދާ ބަހަނާތަކާ މެދު ބައިނަލް އަގުވާމީ މުޖުތަމައުގައި ވަނީ ވަރަށް ގިނަ ހިޔާލުތަފާތުވުންތައް އުފެދިފައެވެ.

މެދުއިރުމަތީގެ މަސްރަހު ދިރާސާކުރާ މާހިރުން ބުނަނީ އިސްރާއީލުން ހިފާފައިވާ ފަލަސްތީންގެ ބިންތަކުގައި ހިންގާ އަސްކަރީ ހަރަކާތްތަކާއި މައްސަލަ އުފެދިފައިވާ ލުބުނާނު އިސްރާއީލް ބޯޑަރުގައި ހިންގާ އެފަދަ ކަންތައްތަކާ ދެމެދު ތަފާތެއް ވާކަމަށެވެ.

އެތަފާތަކީ ބައިނަލް އަގުވާމީ ގޮތުން ހަމަޖެހިފައިވާ ސަރަހައްދީ ރޮނގަކާއި ދެގައުމުން ވެސް ހިފައި، މައްސަލަތައް ނުނިމި އޮތް ސަރަހައްދީ ރޮނގަކާ ދެމެދު ހުންނަ ތަފާތު ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ.

ނަމަވެސް ތިން ގައުމުގެ މެދުގައި ވެސް ހިޔާލުތަފާތުވެފައިވާ ސޫރިޔާ އިސްރާއީލް، ލުބުނާން އިސްރާއީލް ސަރަހައްދީ ރޮނގުގައި 36 އަހަރުގެ ތެރޭގައި ހިނގި ، ދެގައުމުގެ ސިފައިންނާއި ގިނަ އަދަދެއްގެ އާއްމުން ބައިވެރިވި މިހަމަ ނުޖެހުމުގައި އިސްރާއީލަށް ބަޑިޖެހުމުގެ ހައްގު އެބައޮތްތޯ ގާނޫނީ މާހިރުން އަންނަނީ ސުވާލުކުރަމުންނެވެ.

ފުރަތަމަ ކަމަކީ އެ ސަރަހައްދީ ރޮނގަކީ މައްސަލަ ޖެހިފައިވާ ސަރަހައްދީ ރޮނގަކަށްވާ ކަމެވެ. އިސްރާއީލާއި ލުބުނާނާ ދެމެދު އަދި އިސްރާއީލާ ސޫރިޔާއާ ދެމެދު ބައިނަލް އަގުވާމީ ގޮތުން އެއްބަސްވާ ގާނޫނީ ސަރަހައްދީ އިމެއް ނުވެއެވެ. ސަރަހައްދީ ރޮނގެއް ކަމަށް މިހާރު ބަލައިގެން އުޅޭ ސަރަހައްދަކީ އެކި އެކި ފަހަރު މަތިން ހަނގުރާމަތައް ކޮށް، އެހަނގުރާމަތައް ނިމިގެންދާއިރު، ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން އުފެދިފައިވާ ސަރަހައްދީ ރޮނގުތަކެކެވެ.

މުސީބާތުގެ ދުވަސް ފާހަގަކުރުމަށްޓަކައި މުޒާހަރާކުރި އާއްމުން ވަނީ އެފަދަ ތިން ރޮނގެއް ހުރަސްކޮށްފައެވެ. އެއީ ބްލޫ ލައިން އާއި ލައިން އޮފް އަލްފާ އަދި ބްރޭވޯ ގެ ނަންދީފައިވާ ރޮނގުތަކެވެ.

ބްލޫލައިންއަކީ އިސްރާއީލާއި ލުބުނާނު ހިއްސާ ކުރާ ސަރަހައްދީ ރޮނގެވެ. އެރޮނގު އުފެދުނީ 2007 ވަނަ އަހަރު އިސްރާއީލުން ލުބުނާނަށް އެރުމަށް ފަހު ބަލިވެގެން ފައިބައިގެން ދިޔައިރު އދ. މެދުވެރިވެގެން އެއްބަސްވެފައިވާ ރޮނގެކެވެ.

އދ. އިން އޭރު ބުނެފައި ވަނީ ބްލޫލައިން( ނޫރޮނގު) އަކީ ބައިނަލް އަގުވާމީ ގާނޫނީ ސަރަހައްދީ ރޮނގެއް ކަމުގައި ބަލައިގެން ނުވާނެ ކަމަށެވެ. އަދި އެއީ ވަގުތީ ރޮނގެއް ކަމަށް ވެސް ބުނެފައި ވެއެވެ.
އިސްރާއީލާއި ސޫރިޔާއިން ހިއްސާކުރަނީ 1974 ވަނަ އަހަރު އދ. ގާއިމްކުރި ހަތިޔާރު ގެންގުޅުން މަނާ ދެ ރޮނގު ކަމުގައިވާ ހުޅަނގުގައިވާ ލައިން އޮފް އަލްފާއާއި އިރުމަތީގައިވާ ލައިން ބްރޭވޯ އެވެ.

މުޒާހަރާކުރަމުން ދިޔަ ސޫރިޔާގެ މީހުން މި ދެރޮނގު ހުރަސްކޮށް ވަދެފައި ގޯލާންގެ އުސް ބިންތަކުގައިވާ، އެމީހުން ވަން ދިމާއިން އެންމެ ކައިރީގައިވާ އިސްރާއީލްގެ ބާރުގެ ދަށުގައި އޮންނަ މަޖްދު އައް ޝަމްސު ނަމަކަށް ކިޔާ އަވަށަށެވެ.
ސޫރިޔާގެ ބައެއް ކަމަށްވާ ގޯލާންގެ އުސްބިންތައް އިސްރާއީލުން ހިފާފައި ވަނީ 1967 ވަނަ އަހަރު އިސްރާއީލާ އަރަބިންނާ ދެމެދު ކުރި މަޝްހޫރު ހަދުވަހުގެ ހަނގުރާމައިގަ އެވެ. އަދި އެއަށް ފަހު އިސްރާއީލުން އަމިއްލައަށް ހެދި ގޯލާން ހައިޓްސް ގާނޫނު ކިޔާ ގާނޫނަކުން އެއީ އިސްރާއީލްގެ ސަރަހައްދެއް ކަމަށް 1981 ވަނަ އަހަރު އަމިއްލައަށް ކަނޑައަޅައިގެން އުޅެނީއެވެ.

އިސްރާއީލްގެ ސަރަހައްދު ފުޅާކުރުމަށް އެގައުމުން ހެދި އެގާނޫނަކީ އދ ގެ 497 ވަނަ ގަރާރުން ކުށްވެރިކޮށްފައިވާ ގާނޫނެކެވެ. ނަމަވެސް އިސްރާއީލަކީ އދ ގެ އެއްވެސް ގަރާރަކަށް ބޯނުލަނބާ ގައުމަކަށް ވާތީ ބިންތައް ހިފައި އަޅުވެތި ކުރުމުގައި އެގައުމު ދެމި އޮންނަނީ އެވެ.

އެމެރިކާގެ ސްޓޭންފޯޑް ޔުނިވަސިޓީގެ ސްކޫލް އޮފް ލޯގައި ކިޔަވައިދެއްވާ ޕްރޮފެސަރެއްކަމަށްވާ އެލެން އެސް ވެއިންގާ ވިދާޅުވަނީ އެމީހުންނަށް އެގާނޫނު ހެދުމުގެ ބާރު ނެތަސް އެމީހުން )އިސްރާއީލް މީހުން( ގެ އަމިއްލަ ގާނޫނުން އާދީއްތަ ދުވަހު މުޒާހަރާ ކުރި އާއްމުން ގަޔަށް ބަޑި ޖެހުމުގެ ހައްގު އެބައޮތް ކަމަށެވެ.

ވެއިންގާ ވިދާޅުވާ ގޮތުގައި އިސްރާއީލުން ހެދި ގާނޫނަކުން ގޯލާންގެ އުސްބިން ތަކަކީ އެގައުމުގެ ބަޔަކަށް ހަދާފައިވާއިރު އެއީ ހުއްދަ ގާނޫނެއް ކަމަށް ނުވިޔަސް އިސްރާއީލަކީ އެސަރަހައްދު ހިފައިގެން އުޅޭ ބަޔަކު ކަމަށް ވާނެއެވެ. އަދި އެގޮތަށް ހިފާފައިވާ ސަރަހައްދަކަށް ބަޔަކު ވަންނަ ކަމަށް ވަންޏާ އެބަޔަކު ހުއްޓުވައި ހިފާފައިވާ ސަރަހައްދު ކޮންޓްރޯލް ކުރުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއް ކަމަށް އޭނާ ވިދާޅުވެއެވެ.

އަސްކަރީ ބާރު ބޭނުންކޮށްގެން ހިފާފައިވާ ސަރަހައްދުގައި ހިންގޭނެ ކަންތައްތަކާއި ނުހިންގޭނެ ކަންތައްތައް އެކަމާ ބެހޭ ބައިނަލް އަގުވާމީ ގާނޫނުގައި ކަނޑައަޅާފައި ވިޔަސް، އެގޮތަށް ހިފައިގެން އޮންނަ ގައުމަކީ އެސަހައްދުގެ މައްޗަށް ބާރު ހިންގޭނެ ބައެއްގެ ގޮތުގައި ބައިނަލް އަގުވާމީ ގާނޫނު ބަލައިގަންނަ ކަމަށް ވެއިންގާ ވިދާޅުވެ އެވެ.

ނަމަވެސް ވެއިންގާ ވިދާޅު ވަނީ އަހުލީ ހަމަނުޖެހުމެއްގައި ވެސް ސިފައިންނަށް ބަޑިޖެހުމުގެ ހުއްދަ ލިބޭނީ އެއްވެފައިވާ މީހުން އަތުގައި ހަތިޔާރު ހުރެފައި ފުރަތަމަ ސިފައިންނާ ދިމާއަށް އެމީހުން ބަޑި ޖަހާ ހާލަތުގަ އެވެ.

އެހެން ކަމަށް ވާނަމަ މުސީބާތުގެ ދުވަސް ފާހަގަކުރުމަށް މުޒާހަރާ ކުރި މީހުން އެއްވެސް ހަތިޔާރަކާ ނުލައި ގޮސް އިސްރާއީލުން އެއްވެސް ހައްގަކާ ނުލައި ހިފާފައިވާ އެމީހުންގެ ބިންތަކެއް ބަންދުކުރުމަށް ޖަހާފައިވާ ފުޅަށް މަތިން އެރީމައި އެމީހުންގެ ގަޔަށް ބަޑި ޖަހަން އޮތީ ކޮން ހައްގެއް ހެއްޔެވެ؟