27 Jun 2016, 00:16
ފްރާންސްގައި ކުރިއަށްދާ ޔޫރޯގައި ފާހަގަވެގެންދިޔަ އައިސްލެންޑްގެ ކޮމެންޓޭޓަރު ގުޑްމުންޑާ ބެނެޑިކްސަންގެ ރަސްމީ ވަޒީފާ ގެއްލިއްޖެ އެވެ.
ޔޫރޯގެ "ގްރޫޕް އެފް"ގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު އާނާ އިންގްވީ ޓްރައުސްޓަސަން ޖެހި ލަނޑާއެކު މުބާރާތުގައި އަލަށް ވާދަކުރަމުންދާ އައިސްލެންޑަށް ލީޑު ލިބުމާއެކު ފޯރިއާއެކު ކޮމަންޓަރީ ދެމުންދިޔަ ބެނެޑިކްސަންގެ ކޮމެންޓަރީ ވަނީ ސޯޝަލް މީޑިއާގައި ވެސް "ގުގުމާރައިފަ" އެވެ.
ކޮމެންޓޭޓަރެއްގެ އިތުރުން ބެނެޑިކްސަން ރަސްމީކޮށް އަދާކުރަމުންދާ ވަޒީފާއަކީ އެސިސްޓަންޓް ކޯޗެއްގެ ވަޒީފާ އެވެ. އެ މެޗަށްފަހު އައިސްލެންޑްގެ ކޭއާރް ރޭޖްކަވިކްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސަައްކަތް ކުރުމަށް އެނބުރި ގައުމަށް ދިޔަ ނަމަވެސް، މިހާރު އޭނާ އަށް ވަނީ އެ ވަޒީފާ ގެއްލިފަ އެވެ.
އައިސްލެންޑުގެ އެއްވަނަ ޑިވިޝަނުގައި ވާދަކުރަމުންދާ ކޭއާރް ރޭޖްކަވިކް އޮތީ ނުވަ ވަނައިގައެވެ. އެ ލީގުގައި ޖުމްލަ 12 ޓީމު ވާދަކުރާ އިރު، ލީގުގައި އެ ކްލަބު އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗަކުން ވަނީ ބަލިވެފަ އެވެ.
ކްލަބުގެ ޗެއާމަން ކްރިސްޓިން އާނެސްޓެޑްއާ އެއްބަސްވުމަކަށް އައިސް، ބެނެޑިކްސަންގެ އިތުރުން ކޯޗު ބިޔާނީ ގުޑްޖޯންސަން އެގާޓް ވެސް ވަނީ މަގާމުން ދުރުވެފަ އެވެ. ކޯޗާއި އެސިސްޓަންޓް ކޯޗު މަގާމުން އިސްތިއުފާ ދިނުމަށް ކްލަބުން އެދިފައި ވަނީ ރަނގަޅު ނަތީޖާތަކެއް ނުނެރެވުންނެވެ.
ކްލަބުގެ ކޯޗުކަމާ ހަވާލުވެ ހުރި ގުޑްޖޯންސަން ބުނީ، އެ ކްލަބާ ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން އެންމެ އިސްކަމެއް ދީފައި ވާނީ ކްލަބަށް ކަމަށާއި ސީޒަން ރަނގަޅަށް ފެށިފައިނުވުމުން ކްލަބުގެ މެނޭޖްމަންޓާ މަޝްވަރާކޮށް އެންމެ ރަނގަޅު ގޮތެއްގެ ގޮތުގައި ފެނުނީ މަގާމުން އިސްތިއުފާ ދިނުން ކަމަށެވެ. އަދި ކުރިއަށް އޮތްތާ ކްލަބަށް ކާމިޔާބަށް އެދޭ ކަަމަށް ވެސް އޭނާ ބުންޏެވެ.
ޔޫރޯގެ ދެވަނަ ބުރުގައި އިނގިރޭސިންނާއި އައިސްލެންޑް ބައްދަލުކުރާ މެޗުގެ ކޮމަންޓެރީ ގެނެސްދިނުމަށް ބެނެޑިކްސަން ދަނީ ތައްޔާރުވަމުންނެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 12:00 ގައެވެ.