26 Jun 2016, 20:14
ހުޅުމާލެ އާއި މާލެއާ ދޭތެރޭ ދަތުރުކުރާ ފެރީތަކާއި ހުޅުލެއަށް ދަތުރުކުރާ ފެރީތަކުން ބޭނުން ކުރާ މާލޭ ފަޅުގެ ބާރު ބޮޑުވެ ތަފާތު އެކްސިޑެންޓުތައް ހިންގަން ފަށައިފި އެވެ.
އެމްޓީސީސީ ހުޅުމާލޭ ފެރީ އޮޕަރޭޝަން މެނޭޖަރު މުހައްމަދު ނާޒިމް ސަން އަށް މިއަދު ވިދާޅުވީ، ފަޅުތެރޭގައި ބާނި ބޮޑު ޑަބަލްޑެކް ފެރީ އާއި ހުޅުލޭ ފެރީއަކާއި މިއަދުވެސް އެކްސިޑެންޓްވެފައިވާ ކަމަށެވެ. އެއެކްސިޑެންޓުގައި ފެރީއަށް ގެއްލުންވި ނަމަވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
"ފަހަތުގައި އިންނަ ޕުލާސްޓިކް ގަނޑުގައި ދިރުބާކޮޅު ޖެހުނީމަ ނެއްޓިފައި އިނީ، ކުޑަކުޑަ މަރާމާތެއް ކޮށްލަން ޖެހޭނެ އޭތީގައި." ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ފަޅުގެ ދަތިކަން ވަރަށް ބޮޑު ކަމަށާއި ފަޅުތެރޭބާނި ބޮޑުވެފައިވާއިރު އިތުރަށް ދަތި ކަމަށެވެ. އެގޮތުން ތަފާތު އެކްސިޑެންޓްތައް ހިނގަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"އަބަދުވެސް ފަޅުތެރޭގައި އެއްޗެހި ޖެހި މިގޮތްގޮތްވާނެ، އިންސިޑެންޓުގެ ގޮތުގައި އެކަންތައް ރިޕޯޓްކޮށްފައި ވާނީ." ނާޒިމް ވިދާޅުވި އެވެ.
ހުޅުމާލެ އާއި ހުޅުލެއަށް ކުދިބޮޑު އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ވެސް ދަތުރުކުރެ އެވެ.
ހުޅުމާލެ އާއި ހުޅުލެއަށް ދަތުރުކުރާ އެތައް ފެރީއެއް ދަތުރުކުރާ އެ ފަޅު އިތުރަށް ބޮޑުކޮށް އެކަމަށް ހައްލެއް ގެނައުމުގެ ވާހަކަ ދައްކާތާ އެތައް ދުވަހެއް މިވަނީ ވެފަ އެވެ.