26 Jun 2016, 17:51
މިޔަންމާ ނުވަތަ ބަރުމާގެ މެދުތެރޭގައި އޮންނަ މުސްލިމު އަވަށަކަށް ބުޑިސްޓުންގެ ބަޔަކު ވަދެގަނެ، އަވަށުގެ ބައެއް ތަންތަނަށް ގެއްލުން ދީފައިވަނިކޮށް އިތުރު ހަމަލާއެއް އަތުވެދާނެކަމުގެ ބިރު ބޮޑުވެ، އެ އަވަށުގެ މުސްލިމުން އަވަށް ދޫކޮށް ދާން މަޖުބޫރުވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ބާގޯ ޕްރޮވިންސްގައި އޮންނަ އަވަށެއްގައި ހިނގި އެ ހަމަނުޖެހުން ހިންގާފައި ވަނީ މުސްލިމް ސްކޫލެއް އެޅުމާމެދު މުސްލިމް ފިރިހެނަކާއި ބުޑިސްޓް އަންހެނަކާ ދެމެދު ހިނގި ހިޔާލު ތަފާތުވުންތަކާ ގުޅިގެން ނެވެ. އެ ޒުވާބުގައި މުސްލިމުން މީހާ ގައިގާ ބުޑިސްޓު ބަޔަކު ވަނީ ތަޅައިގަނެ އަނިޔާކޮށްފަ އެވެ.
އުފެދުނު ހިޔާލު ތަފާތުވުންތަކަށްފަހު މުސްލިމުންގެ އަވަށަށް 200 ބުޑިސްޓުންގެ ގްރޫޕަކުން ވަދެގަނެ، އެ އަވަށުގައި ހުންނަ މިސްކިތަކަށާއި ސަހަރާއެއްގެ އިތުރުން މުސްލިމް ސްކޫލަކަށް ވަނީ ގެއްލުންދިނުމަށްފަހު ފިލާފަ އެވެ. އެކަމުގެ ތުހުމަތުގައި އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައެއް ނުވެ އެވެ.

މިޔަންމާގެ މެދުތެރޭގައި އޮންނަ މުސްލިމުންގެ އަވަށެއްގައި ހުރި މިސްކިތަކަށް ބުދިސްޓުންގެ ބަޔަކު ހަމަލާދީފައި: ހަމަލާތަކުގެ ސަބަބުން އެ އަވަށުގެ މުސްލިމުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި --
ރަމަޟާން މަހު ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން އެ އަވަށުގެ 70 އަށްވުރެ ގިނަ މުސްލިމުން ހިމާޔަތް ހޯދަން ޖެހުނީ ފުލުސް ސްޓޭޝަނެއްގަ އެވެ.
މީގެ އަހަރުތަކެއް ކުރިން ރޮހިންގިޔާ ދަރިކޮޅުގެ މުސްލިމުންގެ އެ ގައުމުން ނައްތާލުމައްޓަކައި އެ މީހުން މަރަމުން ގެންދިޔުމުގެ އިތުރުން މިސްކިތްތައް އެންދުމާއި މުސްލިމް އަންހެނުން ވަގަށް ނަގައި އެ މީހުން ރޭޕްކޮށް މުސްލިމް ފިރިހެނުންނަށް ބިރުދެއްކުމުގެ ޢަމަލުތައް ވަނީ އެ ގައުމުގެ ބުޑިސްޓުން ހިންގާފަ އެވެ.
އެ އަނިޔާތަކަށް ކެތް ނުކުރެވި މިޔަންމާގެ ގިނަ އަދަދެއްގެ މުސްލިމުން ވަނީ އަވަށްޓެރި ތައިލެންޑާއި މެލޭޝިއާ އަދި އިންޑޮނޭޝިއާއަށް ހިޖުރަކޮށްފަ އެވެ.
މިދިޔަ ހުކުރު ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގެ ފުލުހުންގެ ޗީފް އޯން ވިން ވިދާޅުވީ، ހަމަނުޖެހުންތަކާ ގުޅިގެން އިތުރު ހަމަލާތަކެއް އަތުވެދާނެ ކަމުގެ މައުލޫމާތެއް ލިބިގެން މުސްލިމުންގެ އަވަށުގައި ސަލަމަތީ ކަންކަން ބެލެހެއްޓުމަށް 50 ފުލުހުން ރޭ ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި މިހާރު ފުލުހުންގެ އަދަދު 100 އަށް އިތުރު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މިޔަންމާގެ މެދުތެރޭގައި އޮންނަ މުސްލިމުންގެ އަވަށެއްގައި ހުރި މިސްކިތަކަށް ބުދިސްޓުންގެ ބަޔަކު ހަމަލާދިނުމުން، އެ މިސްކިތުގެ ތެރޭގައި މީހަކު އިނށީންދެލައިގެން: ބުދިސްޓުން ހަމަލާދިން އަވަށުގެ މުސްލިމުން ވަނީ އަވަށް ދޫކޮށްދާން މަޖްބޫރުވެފައި --
މުސްލިމުންގެ އަވަށުގައި ހުރި މިސްކިތުގެ ސެކްރެޓަރީ ވިން ޝްވީ ބުނީ، އަވަށުގައި ތިބި ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި މަސްރަހް އަމާންވަންދެން ކައިރީގައި އޮތް ސަހަރަކަށް ބަދަލުވާން މަޝްވަރާކުރަމުންދާ ކަމަށެވެ.
"އަހަރެމެންގެ ހާލަތު އަމާނެއް ނޫން. އަހަރެމެން ރާވަމުން މިދަނީ އަވަށް ދޫކޮށްދާން. އަހަރެމެން އަދިވެސް މިތިބީ ބިރުވެރިކަމެއްގައި،" އޭނާ ބުނެފައިވެ އެވެ.
އަވަށުގައި ދިރިއުޅޭ މީހަކު ބުނީ، ބައެއް މީހުން މުސްލިމުން މަރާނެ ކަމުގެ އިންޒާރުތައް ވެސް އެ މީހުންނަށް ދެމުން އަންނަ ކަމަށާއި އެންމެ ހިނދުކޮޅަކަށް ވެސް އެވަށުގައި ހުންނަން ބިރުގަންނަ ކަމަށް ބުނެފަ އެވެ.