ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލާން ކުރި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅިނަމަވެސް އިންސާފް ހޯދުމަށް ކުރާ މަސައްކަތް ހުއްޓާލުނާނެކަމަށް ނާޒިމްގެ އާއިލާއިން ބުނެފިއެވެ.

ޝަރުއީ ދާއިރާއަށް ބަލާއިރު ސްޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުމެވެ. އޭގެ މާނައަކީ ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ވީ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އެނިންމުމާއި ގުޅޭގޮތުން ނާޒިމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާދަމް އާޒިމް މިއަދު ސަން އަށް ވިދާޅުވީ އެނިންމުމުންވެސް ނާޒިމް ވަނީ ފުރޭމްކޮށްފައިކަން 100 ޕަސެންޓް ޔަގީންވެފައިވާ ކަމަށެވެ.

ނާޒިމް މިނިވަން ނުވަނީސް އެމަސައްކަތް ހުއްޓާ ނުލާނެ ކަމަށާއި އިތުރަށް ކުރިއަށްދާނެގޮތްތަކާއި މެދު ވިސްނަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

"މިކަން ދުލެއް ނުކުރާނަން ނާޒިމް މިނިވަންނުވަނީހެން، އަޅުގަނޑުމެން ނާޒިމް މިނިވަން ކުރާނަން،" އާޒިމް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތާ ހަވާލުވެ ހުރި ބޭފުޅާ ސޮއިކުރައްވައި ކާނަލް ނާޒިމްގެ ވަކީލުންނަށް ފޮނުވާފައިވާ ނިންމުމުގައި ވަނީ، އެ މައްސަލަ އިސްލްތިމާސް ކުރަން އެ ކޯޓަށް ހުށަހެޅި ސަބަބުތަކަށް ބަލާއިރު، ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ރަނގަޅު ނޫން ކަމަށް ބަލަންޖެހޭ އެއްވެސް އަސާސެއް އޮތް ކަމަށް ބެލެވެން ނެތް ކަމަށެވެ.

ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ކަމަށް ބުނާ ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ޑީއެންއޭ ފެނިފައިވާތީ ފުލުހުން މިހާރު ވަނީ އެރިޕޯޓް ޕުރޮސިކިއުޓާ ޖެނެރަލް އޮފީހަށް ހުށައަޅާފައެވެ.