ބަޣުދާދު (ޖޫން 26): އިސްލާމިކް ސްޓޭޓް (އައިއެސް) އިން އިރާގުގެ ފައްލޫޖާއިން ހިފާފާއިވާ އެންމެ ފަހު ޑިސްޓްރިކްޓުން ވެސް އެޖަމާއަތުގެ ހަނގުރާމަވެރިން ފޮނުވާލުމަށް ފަހު ފައްލޫޖާ އެއްކޮށް މިނިވަންކޮށްފައިވާ ކަމަށް އިރާގުގެ އަސްކަރިއްޔާއިން ބުނެފި އެވެ.

މިދިޔަ މޭމަހު އަސްކަރިއްޔާ އިން ފެށި އޮޕަރޭޝަނުގައި އަސްކަރިއްޔާ އިން އެންމެ ފަހުން ވަދެފައި ވަނީ ފައްލޫޖާގެ ހުޅަނގުއުތުރުގައި އޮންނަ ގޯލާން ޑިސްޓްރިކްޓަށް ކަމަށް އަސްކަރިއްޔާގެ ކައުންޓާޓެރަރިޒަމް ޔުނިޓުގެ ވެރިޔާ، ލެފްޓެނެންޓް ޖެނެރަލް އަބްދުލް ވައްހާބު އައްސާދީ ވިދާޅުވި އެވެ. އެއޮޕަރޭޝަން ނިމުމުން ފައްލޫޖާ ވަނީ "އެއްކޮށް މިނިވަންވެފައި" ކަމަށް އައްސާދީ ވިދާޅުވި އެވެ.

"އިރާގުގެ ރައްޔިތުންނާއި ކޮމާންޑާ އިން ޗީފްއަށް އަޅުގަނޑުމެން މަރުހަބާ ކިޔަން އަދި ފައްލޫޖާގެ ހަނގުރާމަ ނިމިފައިވާކަން އިއުލާން ކުރަން،" އައްސާދީ ވިދާޅުވި އެވެ.

އައިއެސް ހަނގުރާމަވެރިންނާ އަސްކަރިއްޔާއާ ދެމެދު ހިނގި ހަމަލާ ބަދަލު ކުރުންތަކުގައި 1،800އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް އައްސާދީ ވިދާޅުވި އެވެ.

އައިއެސް އިން ފައްލޫޖާއަށް ވެރިވެފައި ވަނީ ޖެނުއަރީ 2014އިގަ އެވެ. އަދި އެއީ އައިއެސްގެ ބާރުގެ ދަށަށް ދިޔަ އިރާގުގެ ފުރަތަމަ ސިޓީ އެވެ. (ބީބީސީ)