ބެއިޖިންގް (ޖޫން 26) : ޗައިނާ އިސްކޮށް އޮވެގެން އުފައްދާފައިވާ އޭޝިޔަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް "އޭއައިއައިބީ" އިން ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ފަސޭހަކަމާ އެކު ލޯން ލިބޭނެކަމަށް ޗައިނާގެ ރައީސް ޝީޖިންޕިން ވިދާޅުވެއްޖެ އެވެ.

"އޭއައިއައިބީ"ގެ އަހަރީ ޖަލްސާ ގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝީ ވިދާޅުވީ ވޯލްޑް ބޭންކާއި އައިއެމް ފަދަ ބައިނަލްއަގްވާމީ މާލީ މުއައްސަސާތަކާ އޭއައިއައިބީ ވަރަށް ތަފާތުވާނެކަމުގަ އެވެ. މިގޮތުން އެދެމުއައްސަސާއިން ގައުމުތަކަށް ހުށަހަޅާ ހަރުކަށި ޝަރުތުތައް "އޭއައިއައިބީ" ން ހުށަނާޅާނެކަމަށް ޝީ ވިދާޅުވި އެވެ.

"އޭއައިއައިބީ" އުފެއްދުމަށްޓަކައި 100 ބިލިޔަން ޑޮލަރުވަނީ މެންބަރުގައުމުތަކުން އިންވެސްޓްކޮށްފަ އެވެ. މީގެތެރެއިން ތިންބައިކުޅަ އެއްބައި އިންވެސްޓްކޮށްފައި ވަނީ ޗައިނާއިންނެވެ. މިބޭންކްގެ އުންމީދަކީ ކުރިޔަށްއޮތް ފަސްއަހަރު ތެރޭގައި އެބޭންކުގެ ރައުސުލްމާލު 500 ބިލިޔަން ޑޮލަރަށް އިތުރުކުރުމެވެ. "އޭއައިއައިބީ"ގެ މެންބަރުގައުމުތަކުގެ ތެރޭގައި 57 ގައުމު ހިމެނޭއިރު މީގެތެރޭގައި ގިނައީ ކުރިއަރަމުން އަންނަ ކުދި އަދި ފަގީރު ގައުމުތަކެވެ. ދިވެހިރާއްޖެ ވެސް މިބޭންކުގެ ހިއްސާދާރުންގެ ލިސްޓުގެ ކުރީގައި ހިމެނެ އެވެ. އެމެރިކާ އާއި ޖަޕާން މިބޭންކުގެ މެންބަރުންގެ ތެރޭގައި ނުހިމެނެ އެވެ.

ޖަޕާނަކީ އޭޝިޔަން ޑިވެލޮޕްމެންޓް ބޭންކުގެ މައި ހިއްސާ ދާރެވެ. އެމެރިކާއަކީ އައިއެމް އެފްއާއި ވޯލްޑް ބޭންކުގެ މައި ހިއްސާ ދާރެވެ. "އޭއައިއައިބީ" އަށް އެއްއަހަރު ވެފައިވާ އިރު އެބޭންކުން މިއަހަރުތެރޭގައި 1.2 ބިލިޔަނުގެ ލޯންދިނުމަށްވަނީ ރަވާފަ އެވެ. އެބޭންކުން އެންމެ ފުރަތަމަ ދިނުމަށް މަސައްކަތްކުރާ ހަތަރު ލޯނަކަށް އެބޭންކުގެ ބޯޑުން މިދިޔަ ހުކުރުދުވަހު ވަނީ ރުހުންދީފަ އެވެ. މިއީ 509 މިލިޔަން ޑޮލަރުގެ ހަތަރު ލޯނެވެ. މިހަތަރު ލޯން ދިނުމަށް ހަމަޖެހިފައި ވަނީ ބަންގްލަދޭޝް، ޕާކިސްތާން، ތަޖަކިސްތާން އަދި އިންޑޮނީޝިޔާ މިހަތަރު ގައުމަށެވެ.

"އޭއައިއައިބީ" އުފެދުމާ އެކު އެމެރިކާއާއި ހުޅަނގުގެ ގައުމުތައް ބައިނަލްއަގްވާމީ މާލީ ބާޒާރުގައި ޒަމާނުއްސުރެ ހިންގަމުން ގެންދާ މޮނޮޕޮލީ ވަނީ ނިމުމަކަށް އައިސްފަ އެވެ. މުސްތަގްބަލަށް ބަލާއިރު ވޯލްޑް ބޭންކާއި އައިއެމްއެފްއާއި އޭޝިޔަން ޑިވެލޮޕްމެންޓް ބޭންކަށްވުރެ "އައިއައިބީ"ގެ ހަރަކާތައް މާބޮޑުވެފައި ފުޅާވާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ. (ރޮއިޓާސް)