މާލޭ ހުޅަނގު ދެކުނުގައި އޮންނަ ވިލިމާލޭ ފެރީ ޓާމިނަލް ޒަމާނީކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށް ޓަކައި، އަޅަން ޖެހޭ ވަގުތީ ޓާމިނަލް އެޅުމަށް ޓަކައި، ފެރީ ޓާމިނަލްގެ އިރުން އޮތް ހުސް ބިމުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް އަންނަ މަހު 7 ވަނަ ދުވަހުގެ ކުރިން ނެގުމަށް އަންގައިފި އެވެ.

އެމްޓީސީސީ އިން ވިލިމާލޭ ވަގުތީ ފެރީ ޓާމިނަލެއް އެޅުމަށް ނިންމާފައި ވަނީ މިހާރުގެ ފެރީ ޓާމިނަލްއާ ޖެހިގެން އޮތް ހުސް ބިމުގަ އެވެ. މި ހުސް ބިން އޮންނަނީ ފެރީ ޓާމިނަލާއި ރައިވެރިބޭ މައިޒާނާ ދެމެދުގަ އެވެ. އެ ބިމުގައި ގިނަ އަދަދަކަށް އާންމުންގެ ސައިކަލާއި އެހެނިހެން އެއްގަމު އުޅަނދު ޕާކު ކޮށްފައި ހުރެ އެވެ.

އެމްޓީސީސީން ކުރި އިއުލާނުގައި ބުނީ ޖުލައި ހަތް ވަނަ ދުވަހުގެ ކުރިން އެ ސަރަހައްދުން ސައިކަލުތަކާއި އުޅަނދުތައް ނެގުމަށް އަންގާ ކަމަށާއި އެދުވަހުގެ ނިޔަލަށް ނުނަންގަވާ ހުންނަ އުޅަނދުތައް އެމްޓީސީސީން އަމިއްލައަށް ނެގުމަށް ފަހު ވިޔަސް އެ ބިން ހުސްކުރާނެ ކަމަށެވެ.

ވިލިމާލެ ފެރީ ޓާމިނަލް ތަރައްގީ ކުރުމަށް ނިންމާފައިވާ ގޮތުގެ ކުރެހުމެއް --

އެމްޓީސީސީ އިން ވިލިމާލޭ ފެރީ ޓާމިނަލް ތަރައްގީކުރަން ނިންމާފައި ވަނީ، އެތަނުގައި 12 ބުރީގެ ބޮޑު އިމާރާތަކާ އެކުގަ އެވެ. އެ އިމާރާތް އެޅުމަށް ޓަކައި، ފެރީގެ ޚިދުމަތްތައް ވަގުތީ ގޮތުން ފޯރުކޮށްދޭނެ ޓާމިނަލެއް އަޅަން ޖެހެ އެވެ.

ވިލިމާލޭ ފެރީ ޓާމިނަލް ނުވަތަ "ދާންނާ ގިމަތަ" ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފޭސްގެ ދަށުން 12 ބުރީގެ އިމާރާތް 18 މަސް ދުވަހުގެ ތެރޭގައި އަޅައި ނިންމާނެ އެވެ. އަދި ދެވަނަ ފޭޒްގެ ދަށުން، ވަގުތީ ޓާމިނަލް އެޅި ބިމުގައި ވެސް 12 ބުރީގެ އިމާރާތެއް އަޅާނެ އެވެ.

އެމްޓީސީސީން ނިންމާފައި ވަނީ ޓާމިނަލް އިމާރާތުގައި ފުޑް ކޯޓުތަކާއި ފިހާރަތަކާއި ބޯލިން އެރީނާއަކާއި ގޭމިންގް އާކޭޑެއް އެތަނުގައި ގާއިމު ކުރުމަށެވެ. މީގެ އިތުރުން ކާރާއި ސައިކަލު ޕާކު ކުރުމަށް ހަތަރު ފްލޯއެއް ޚާއްސަ ކުރާނެ ކަމަށް އެމްޓީސީސީން މީގެ ކުރިން ބުނެފައިވެ އެވެ.