26 Jun 2016, 15:58
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތާ ހަވާލުވެ ހުރި ބޭފުޅާ ސޮއިކުރައްވައި ކާނަލް ނާޒިމްގެ ވަކީލުންނަށް ފޮނުވާފައިވާ ނިންމުމުގައި ވަނީ، އެ މައްސަލަ އިސްލްތިމާސް ކުރަން އެ ކޯޓަށް ހުށަހެޅި ސަބަބުތަކަށް ބަލާއިރު، ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ރަނގަޅު ނޫން ކަމަށް ބަލަންޖެހޭ އެއްވެސް އަސާސެއް އޮތް ކަމަށް ބެލެވެން ނެތް ކަމަށެވެ.
ހައިކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ހުކުމެއް ކަމަށް ވެސް އެ ނިންމުމުގައި ބުނެފައި ވެއެވެ. އަދި އެ ހުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އެ ހުކުމަކީ ރަނގަޅަށް ކޮށްފައިވާ ހުކުމަކަށްވާތީ އިތުރަށް އެ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނުޖެހޭ ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.
"މި މައްސަލަ އަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު މަރުހަލާގައި ބަލައި ފައިސަލާ ކުރަނިވި ހުކުމެއް ކޮށްފައިވާ މައްސަލައަކަށް ވެފައި، މި މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސަށް ހުށަހެޅި ސަބަބުތަކަށް ބެލިއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމް ރަނގަޅު ނޫން ކަމަށް ބަލަންޖެހޭ އެއްވެސް އަސާސެއް އޮތް ކަމަށް ބެލެވެން ނެތަތީ އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2015/HC-A/172 ގަޒިއްޔާގައި ކޮށްފައިވާ ހުކުމަކީ ގާނޫނީ އަދި ޝަރުއީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ހުކުމަކަށްވާތީ އާއި، އެ ހުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތަތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2015/HC-A/172 ގަޒިއްޔާ އަކީ ގާނޫނު ނަންބަރު 22/2010 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 16 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން ހުއްދަ ދޭންޖެހޭ މައްސަލައަކަށް ނުވާތީ، މި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާކަން އެންގީމެވެ،" ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައި ވެއެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ނިންމާފައިވާއިރު، ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ދާދިފަހުން ފުލުހުން ވަނީ ބުނެފަ އެވެ.
އެ ޑީއެންއޭ ރިޕޯޓު ފުލުހުން ޕީޖީ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަނީ އެ ރިޕޯޓު ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފަ އެވެ.
ޕީޖީ އައިޝަތު ބިޝާމް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެ ރިޕޯޓު ސުޕްރީމް ކޯޓަށް ހުށަހެޅިފަހުން މިހާތަނަށް އެ ރިޕޯޓާ ގުޅޭގޮތުން އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.
ކްރިމިނަލް ކޯޓާއި ހައިކޯޓު އަދި ސުޕްރީމް ކޯޓުގައި ވެސް ނާޒިމްގެ ވަކީލުން ވިދާޅުވެފައި ވަނީ ފިސްތޯލައިގެ ފޮރެންސިކް ރިޕޯޓު ހެދިފައިނުވާތީ، އެ މައްސަލަ އަކީ ތަހުގީގު ފުރިހަމަވެފައިވާ މައްސަލަ އެއް ނޫން ކަމަށެވެ.
ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށް ނާޒިމްގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ އެ ފިސްތޯލަ އެގޭތެރެއިން ފެނުނު ކަމަށް އެގެއަށް ވަން ފުލުހުން ހެކިބަސްދީފައިވާތީ އާއި އެ ފިސްތޯލަ އެގެއަށް ވަން ގޮތެއް ނާޒިމަށް ސާބިތުކޮށްދެވިފައިނުވާތީ ކަމަށް ބުނެ އެވެ.
ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ އެ ފިސްތޯލަ އެގެއަށް ވެއްދީ އާސިފް ނަމަކަށް ކިޔާ ފުލުހެއް ކަމަށާއި އޭނާ އެކަން ކުރީ އަދީބާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވިދާޅުވެގެން ކަމަށެވެ. އަދި އެވާހަކަ ދޮގުކުރަން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ވެސް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.