އޭޑީކޭގައި ޒަމާނީ ވަސީލަތްތަކެއް ގާއިމްކޮށް ހޮސްޕިޓަލުން ދެމުން ގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އޭޑީކޭ ކުންފުނިން ފަށާފައިވާ ޕްރޮޖެކްޓަށް ޖާމަން އިންވެސްޓްމަންޓް އެންޑް ޑިވެލޮޕްމަންޓް (ޑީއީޖީ) ބޭންކުން ލޯނެއް ނަގައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލް ތަރައްގީކުރަން ފަށާފައިވާ 18.2 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓަށް ޑީއީޖީ ބޭންކުން 12 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުންޏެވެ.

އޭޑީކޭ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭޑީކޭއާ އެ ބޭންކާ ދެމެދު ވަނީ އެ ލޯން އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެއްބަސްވުމުގައި އޭޑީކޭގެ ފަރާތުން ސޮއިކުރެއްވީ އޭޑީކޭ ގްރޫޕުގެ ޗެއާމަން އަދި ރައްޔިތުން މަޖިލީހުގެ މެންބަރު އަހްމަދު ނާޝިދެވެ. އީޑީޖީގެ ފަރާތުން ސޮއިކުރެއްވީ ޑީއީޖީގެ ޑިޕާޓްމަންޓް ކޯޕަރޭޓްސް އޭޝިއާ ލޯންސްގެ ޑިރެކްޓަރު، ޑރ. ހާބާޓަސް ޕުލެސްޓާ އެވެ.

ރަސްމިއްޔާތަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އޭޑީކޭ ނާޝިދު ވިދާޅުވީ، އޭޑީކޭ ތަރައްގީކުރަން ފަށާފައިވާ ޕްރޮޖެކްޓަށް އިކުއިޓީގެ ގޮތުގައި 6.2 މިލިއަން ޑޮލަރާއި ބޭންކް ގެރެންޓީގެ ގޮތުގައި 2.7 މިލިއަން ޑޮލަރު އޭޑީކޭ ކުންފުނިން ދައްކާފައިވާ ކަމަށެވެ.

އޭޑީކޭ ތަރައްގީކުރަން އީޑީޖީ އިން ނެގި ލޯން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭޑީކޭ ކުންފުނީގެ ޗެއާމަން އޭޑީކޭ ނާޝިދު ވާހަކަފުޅުދައްކަވަނީ ---- ފޮޓޯ/ މުހައްމަދު އަފްރާހް

ދެ އަހަރުގެ ތެރޭގައި ނިންމަން އަމާޒު ހިފާފައިވާ އެ ޕްރޮޖެކްޓަށް ޑީއީޖީ އިން ނަގާފައިވާ އެ ލޯން ދައްކަން ޖެހޭނީ 10 އަހަރަށް ބަހާލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑީއީޖީގެ ލޯން އެއްބަސްވުމުގެ ދަށުން އޭޑީކޭ ހޮސްޕިޓަލުގައި އޯޕަން ހާޓް ސާޖަރީ ހެދޭ ފެންވަރުގެ ތިއޭޓަރަކާ އެކު އޮޕަރޭޝަން ދެ ތިއޭޓަރު ހިމެނޭ ގޮތަށް ތިއޭޓަރު ކޮމްޕްލެކްސްއެއް ގާއިމްކުރަން ވަނީ ހަމަޖެހިފައި ކަމަށް އެ ހޮސްޕިޓަލުން ބުންވެ. އެ ތިން ތިއޭޓަރަކާ އެކު އޭޑީކޭގައި ފަސް އޮޕަރޭޝަން ތިއޭޓަރު ގާއިމްކުރާނެ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން، އެ ލޯންގެ ދަށުން ކެތް ލެބެއްވެސް ގާއިމްކުރަން ވަނީ ހަމަޖެހިފައި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އޭޑީކޭ ނާޝިދު ވިދާޅުވީ، ކެތް ލެބަށާއި ތިއޭޓަރު ކޮމްޕުލެކްސް އަށް ބޭނުންވާ ސާމާނު ގެނައުމަށް އޯޑަރުދީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރާއްޖެ ގެނެސް، ހޮސްޕިޓަލުގައި ގާއިމްކުރާނެ ކަމަށެވެ. އަދި ވިދާޅުވީ، އޯޕަން ހާޓް ސާޖަރީގެ ހިދުމަތް މިއަހަރު ނިމުމުގެ ކުރިން އޭޑީކޭ އިން ދޭން ފަށާނެ ކަމަށެވެ.

ލޯން އެއްބަސްވުމުގެ ދަށުން އޭޑީކޭގައި ކުރިޓިކަލް ކެއާ ޔުނިޓް (ސީސީޔޫ)ގެ ހިދުމަތް ގާއިމްކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެ ޔުނިޓާ އެކު އޭޑީކޭގައި އައިސީޔޫ ޔުނިޓާ އެކު އަލަށް ހުޅުވަން ތައްޔާރުވަމުން އަންނަ ހައި ޑިޕެންސީ ޔުނިޓް (އެޗްޑީޔޫ) އެއް ހުންނާނެ އެވެ.

އޭޑީކޭ ތަރައްގީކުރަން ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން ސޯސަންމަގު، އޭޑީކޭ ކަންމައްޗަށްވާ ގޮތަށް މިހާރު އިމާރާތް ކުރަމުންދާ ނުވަ ބުރީގެ 85 އެނދުގެ އިމާރާތުގައި އުމުރުން ދުވަސްވީ މީހުންނަށް ހިދުމަތްދޭ ސެންޓަރަކާއި ދަރިމައިވުމުގެ ކުލިނިކެއް ވެސް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް އެެ ހޮސްޕިޓަލުން ބުންޏެވެ.

މީގެ އިތުރުން، އޭޑީކޭ އިމާރާތުގެ ފަހަތުގައި އިތުރު 10 ބުރީގެ އިމާރާތެއް ގާއިމްކުރަން ފަށާނެ ކަމަށާއި އެތަނުގައި އަތޮޅު ތެރެއިން މާލެ އައިއިސް އޭޑީކޭގެ ހިދުމަތް ހޯއްދަވާ ބޭފުޅުންނަށް ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމަށް 24 ކޮޓަރީގެ އެޕާޓްމަންޓް ބުލޮކަކާއި މުވައްޒަފުންގެ އެކޮމަޑޭޝަން ބުލޮކެއް ގާއިމްކުރަން ވަނީ ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އޭޑީކޭ ސޯސަންމަގު ކަންމަތީގައި ގާއިމްކުރާ އިމާރާތާއި އެކޮމަޑޭޝަން ބުލޮކްގެ މަސައްކަތައް ވެސް ހަރަދުކުރާނީ އީޑީޖީ އިން ނެގި ލޯނުގެ ތެރެއިން ކަމަށް އޭޑީކޭ އިން ބުންޏެވެ.